ކ. ގުރައިދޫގައި ހިންގަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ މިއަދު އެ އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެ މަރުކަޒަކީ ހުރިހާ ހިދުމަތްތަކެއް ލިބޭ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހެދުމަށްޓަކައި، އެ މަރުކަޒު އަޕްގްރޭޑްކުރުމުގެ ކަންކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކުން ހޯއްދަވައިގެން އެކަން ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

1976 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން އަންނަ ގުރައިދޫ މަރުކަޒަކީ، އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުން އަދި އެކަހެރި އަޅާލުމަށް ބޭނުންވާ މީހުންނަށް ދައުލަތުގެ ފަރާތުން ރައްކާތެރިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދޭ މައި މަރުކަޒެވެ.