ރަޝިޔާއިން އެމެރިކާއަށް ޑީސަލް އެތެރެކުރުމަށް ހެދި އެއްބަސްވުމުގެ ދިފާއުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅުދައްކަވައި، ޔޫކްރެއިނާ އެކު އަދިވެސް ޖާސޫސީ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި، އެމެރިކާއިން ދަނީ ޔޫކްރެއިނަށް އެހީތެރިވެ، އެ ގައުމާ އެކު ޖާސޫސީ މައުލޫމާތު ހިއްސާކުރަމުންނެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ޔޫކްރެއިނުން ދޭ ހަމަލާތައް ނުހުއްޓައިފި ނަމަ މައުލޫމާތު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ އެކު ހެދި ޑީސަލް އެއްބަސްވުމާ ގުޅޭގޮތުން ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ވަގުތުން 3 ލައްކަ ޓަނުގެ ޑީސަލް އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިތުރު އެތައް މިލިއަން ޓަނެއްގެ ޑީސަލް އެމެރިކާއަށާއި ދުނިޔޭގެ ބާޒާރަށް ނެރޭނެ ކަމަށެވެ. މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ އެމެރިކާގެ ދަނޑުވެރިންނާއި އާންމުންނަށް ތެލުގެ އަގު ހެޔޮކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމުން ލިބޭ ފައިސާ ބޭނުންކޮށްގެން ރަޝިޔާއިން އިތުރު ހަތިޔާރު ގަނެފާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ ހަމައެކަނި ޑީސަލްގެ މުއާމަލާތެއް ކަމަށާއި، އެ ތެޔޮ ނެރެނީ މުޅި ދުނިޔެއަށް ކަމަށެވެ.

އެމެރިކާގައި ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ޓްރަމްޕް އެޅުއްވީ ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީގެ ބޮލުގައެވެ. އަދި އެއްބަސްވުމަކަށް އާދެވޭނެ އާ ލީޑަރަކު ޔޫކްރެއިނަށް ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ތަޖުރިބާކާރުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ އީރާނުގައި ކުރިއަށްދާ ހަނގުރާމައެވެ.

މި އެއްބަސްވުމާ ގުޅިގެން އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން އަންނަނީ ޓްރަމްޕަށް ފާޑުވިދާޅުވަމުންނެވެ. ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީ ހިމެނޭ ގޮތަށް 12 ސެނެޓަރަކު ސޮއިކުރައްވައި ޓްރަމްޕަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މިއީ ޔޫކްރެއިނަށް ދެވޭ ކެއްސެއް ކަމަށާއި، މި އެއްބަސްވުން އުވާލަން ޖެހޭ ކަމަށެވެ.