ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ހިންގާ މަޝްރޫއަކީ ޔަހޫދީ އާބާދީއެއް ގާއިމުކުރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރެއްވި ތުހުމަތުތަކަކީ ސިޔާސީ މަންފާއަށް ހަގީގަތް އޮޅުވާލުން ކަމަށް ވިދާޅުވެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރައްދުދެއްވައިފިއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން މި ރައްދު ދެއްވީ ރަސްމާލެ މަޝްރޫއުގެ ތެރެއިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. އެމަނިކުފާނު ވަނީ އެ މަޝްރޫއަކީ އިސްރާއީލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ސިފަކުރައްވައިފައެވެ.
އިހުސާން ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ކުރާ ތާއީދަކީ ސިޔާސީ ކަމެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމެކެވެ. މީގެއިތުރުން ނުފޫޒާއި ބިރުވެރިކަން ފެތުރުމަށް ދީނީ ޝުއޫރުތަކުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
އީގަލް ހިލްސްގެ އިންވެސްޓްމަންޓް ޔާމީންގެ ވެރިކަމުގައި ނުލިބުމަކީ އެ މަޝްރޫއު ގޯސްކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް އިހުސާން ވިދާޅުވިއެވެ. ގައުމީ ތަރައްގީގެ މަޝްރޫއުތައް ސިޔާސީ ހަސަދަވެރިކަމުގެ ރަހީނަކަށް ހެދުން ހުއްޓާލަންޖެހޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ވަނީ އީގަލް ހިލްސްއިން ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓަކީ އިސްރާއީލުގެ އާއިލާތައް ވަޒަންވެރިކުރުވުމަށް މަގުފަހިކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ސެކިއުރިޓީއަށް ނުރައްކާވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އިހުސާން ވިދާޅުވީ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ފުރުސަތު އޮތް ނަމަވެސް، އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަކީ މަސްއޫލުވެރި ނޫން އަމަލެއް ކަމަށެވެ. ރާއްޖެއަށް ބޭނުންވަނީ ޒިންމާދާރު ލީޑަޝިޕެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގާ 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ރަސްމާލެ މަޝްރޫއުން 10 އަހަރު ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް