މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގެ މެންބަރުންގެ ތެރެއިން އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު ލިބޭ ގޮތް ހަދައިފިއެވެ.
މީގެ ކުރިން 65 އަހަރުން މަތީގެ ފަރާތްތަކަށާއި ހައްޖު ޖާގަ ކަށަވަރުވާއިރު 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ހައްޖަށް ދިއުމަށް ޖާގަ ރިޒާވް ކުރުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުން ނުކުރެއެވެ. ނަމަވެސް މިއަދު ވަނީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ގެނައި 6 ވަނަ އިސްލާހުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު ގެޒެޓުކޮށް، އަމަލުކުރަން ފަށައިފިއެވެ.
ޕެންޝަން އޮފީހުން މިއަދު ބުނީ އަލަށް ގެނެވުނު އިސްލާހާއެކު، ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަން އަދާކުރެވޭނެ ކަމަށެވެ. އެހެންކަމުން، 65 އަހަރު ވުމުގެ ސަބަބުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށްވެސް މިހާރު މި ފުރުސަތުގެ ބޭނުން ހިފޭނެ ކަމަށެވެ.
މި ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވް ކުރުމަށް ޝަރުތުހަމަ ވާނީ މީގެ ކުރިން ހައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓް (އާރްއެސްއޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަ ވާނީ އެ އަދަދު އުނިކުރުމަށްފަހު ވެސް އެކައުންޓުގައި 336،000 ރުފިޔާ ހުރި ފަރާތްތަކަށެވެ.
މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެންބަރުން، ހައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވް ކޮށްދޭނެއެވެ.
މީގެއިތުރުން، ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔާ ކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާ އިރު، ހައްޖަށް ރިޒާވް ކުރާ ފައިސާގެ އަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން ހައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުން ކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ.
ނަމަވެސް، އެއްވެސް ސަބަބަކާ ހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބު ކުރެވިގެންދާނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ކޮމެންޓް