ހައްޖު ކިއުގައި ތިން އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ އެންމެހާ ބޭފުޅުންނަށް 1448 ވަނަ އަހަރު ހައްޖުވުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހައްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު، ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ ބޭފުޅުން ތިބުމާއެކު، ވީހާވެސް ގިނަ ދޮށީ އުމުރުގެ ބޭފުޅުންނަށް ހައްޖު އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އެކަމުގެ ތަފްސީލުތައް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އުސޫލު ތަންފީޒު ކުރާނީ މައުލޫއީ ގޮތެއްގައި އުމުރަށާއި ކިޔޫއިން ޖާގަ ލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ތަންފީޒު ކުރާނެ އުސޫލެއްކަން ވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާކޮށްފައި ނިންމާފައި މިވަނީ މިއަންނަ ހައްޖުން ފެށިގެން ފައިސާ ދައްކާފައި 3 އަހަރުވެފައި ތިބި އުމުރުން 70 އަހަރުން މަތީގެ އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ. މިއީ އުމުރުން ދުވަސްވެފައި ތިބި ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. ގާތްގަނޑަކަށް 410 މީހުން އެ ގްރޫޕްގައި ހައްޖަށް އެބަ ދެވޭ އެހީތެރިންނާއެކު" މިނިސްޓަރު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލްއުސްތާޒު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އެ ބަދަލާއެކު ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭ އުސޫލުގެ ތަފްސީލުތައް ދެއްވައި ފިރުޒުލް ވިދާޅުވީ ހައްޖަށް ދިއުމުގައި އިސްކަންދޭނީ ހައްޖު ކިއުގައި ތިބޭތާ ތިން އަހަރު ވެފައިވާ ފަރާތްތައް ކަމަށާއި ތިން އަހަރު ގުނާނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތައް ކަމަށެވެ. އަދި 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން އަންނަ އަހަރު ހައްޖުވުގެ ފުރުސަތު ދޭނެ ކަމަށާއި މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނޭ ކަމަށެވެ. އަދި ފަސް އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްކަމެއް ނާންނާނެ ކަމަށާއި 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް 1448 ވަނަ އަހަރުގެ (މި އަހަރުގެ) ކިޔޫގައި އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، މި އުސޫލު ތަންފީޒު ކުރި ނަމަވެސް، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ހައްޖަށް ދިއުމުގައި ބޮޑު ލަސްވުމެއް ކުރިމައްޗެއް ނުވާނެ ކަމަށާއި އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ހައްޖުވެވޭނެ ކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ހައްޖު ކިއުގައި ތިބޭ އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުސަތު ނުގެއްލޭނެހެން އިސްކަންދޭނެ ކަމަށެވެ.

މީގެ އިތުރުން މި އުސޫލުތަކުގެ ދަށުން ފުރުސަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ހައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.