މިހާރު ވިސްނުން ހުރީ ކްލަބަކާ ހަވާލުވުމުގެ ކުރިއަށް ގައުމީ ޓީމަކާ ހަވާލުވުމަށް ކަމަށް މިފަހުގެ ތާރީހެއްގައި ފެނުނު އެންމެ މޮޅު އެއް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ، މިދިޔަ 20 ވަރަކަށް އަހަރުވެސް ކްލަބުތަކަށް ކޯޗުކަން ކޮށްދީފައިވާ އިރު، މިދިޔަ ސީޒަނަށްފަހު އޭނާ މެންޗެސްޓާ ސިޓީ ދޫކޮށްލީވެސް ގިނަ ކާމިޔާބީތަކަކަށްފަހުއެވެ. އެއީ 10 ވަރަކަށް އަހަރު ދުވަހު ހޭދަކޮށް، ޕްރިމިއާ ލީގުގެ ހަ ތަށި، ތިން އެފްއޭ ކަޕް އަދި ފަސް ލީގު ކަޕް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ކާމިޔާބު ކޮށްދީފައެވެ.
އޭގެފަހުން ގާޑިއޯލާ ފުޓުބޯޅައާ ދުރަށް ޖެހިލާފައިވާ އިރު، މި ދޭތެރެއިން އިޓަލީ ގައުމީ ޓީމަށް ގާޑިއޯލާ ގެންދަން މަސައްކަތް ކޮށްފައިވެއެވެ.
"އަހަރެން ވާހަކަ ދެއްކިން އިޓަލީއާ. އެއީ އަހަންނަށް ލިބުނު ޝަރަފެއް. އެއީ އަހަންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފުވެސްމެ. އިޓަލީގެ ވިސްނުމަށް އަހަރެން އައުން އެއީވެސް ލިބުނު ފަހުރެއް. އެކަމަކު އެ ފުރުސަތު ލިބުނީ އަހަރެން ހުއްޓާލަން ނިންމައިގެން ހުރި ދަނޑިވަޅެއްގައި،" ގާޑިއޯލާ ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ގާޑިއޯލާ ބުނީ މީގެ ދެއަހަރު ނޫނީ އަހަރެއް ކުރިން އެ ފުރުސަތު ލިބުނު ނަމަ އާނއެކޭ ބުނެވުނީސް ކަމަށާއި، އޭނާ ހުރީ އެނބުރި އަންނަން ތައްޔާރަށް ނޫން ކަމަށެވެ.
"އަހަރެއް ނޫނީ، ދެ އަހަރު ކުރިން އިޓަލީ ހުށަހެޅުން އައި ނަމަވެސް އަހަންނަށް އާނއެކޭ ބުނެވުނީސް. އަހަރެން ވަރަށް އިހުތިރާމުކުރާ، ގަދަކުރާ ޕައުލޯ މަލްޑީނީއާއި ލެއަނާޑޯ ވާހަކަ ދެއްކިއިރު އަހަރެން ހުރީ ހުއްޓާލަން ނިންމައިގެން. އެނބުރި އަންނަން ތައްޔާރު ހިސާބެއްގައެއްވެސް ނޫން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ފުޓުބޯޅައާ ދުރުގައި ހުންނާނެ މުއްދަތެއް އަދި ނޭނގޭ ކަމަށާއި، އެންމެ ފުރުސަތު ބޮޑީ އެނބުރި އަންނާނީވެސް ގައުމީ ޓީމަކަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ފުޓުބޯޅައަށް އެނބުރި އަންނާނީ އެކަން އަމިއްލަ ނަފުސަށް ގަބޫލުކުރެވޭ ހިސާބުން ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.
ކޮމެންޓް