ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ ދިވެހި ޕްރިމިއާ ލީގު މެޗު ވެގެންދާނީ ތަފާތު ޗެލެންޖިން މެޗަކަށް ކަމަށާއި، މެޗު ފަސޭހަ ނުވާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު، ތޯމަސް ޓްރުޗާ ބުނެފިއެވެ.
މިފަހަރު ލީގުގައި މާޒިޔާއިން މިހާތަނަށް ދެމެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ކައިރިން އެޓީމުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ދެން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ކައިރިން ބަލިވީ ފަހުވަގުތުއެވެ. އެއީ 3-2 ގެ ސްކޯއަކުންނެވެ.
ޓްރުޗާ ޕްރި މެޗު ޕްރެސްގައި ބުނީ އިންޓަނޭޝަނަލް ބްރޭކް އައުމަކީ އެކިއެކި އުނދަގޫތައް ދިމާވާ ކަމެއް ކަމަށެވެ.
"މިއީ އަލުން ސީޒަން ފެށުން ކަހަލަ ކަމެއް. ބްރޭކަށް ދިޔައިރު ގައުމީ ޓީމުގައި ގިނަ ކުޅުންތެރިން މިތިބީ. އެހެންވީމަ އެންމެ ރަނގަޅަށް ޓެކްޓިކަލީ މަސައްކަތެއް ނުކުރެވުނު. ދެން ކޮންމެ އިންޓަނޭޝަނަލް ބްރޭކަކީވެސް އުނދަގޫތަކެއް ހުންނާނެ ބްރޭކެއް. ބައެއް ކުޅުންތެރިން އެނބުރި އައިއިރު ފުލްކޮށް ފިޓެއްވެސް ނޫން،" ޓްރުޗާ ފާހަގަކުރިއެވެ.
ޓްރުޗާ ބުނީ އިންޓަނޭޝަނަލް ބްރޭކް މިފަހަރު އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި، ބްރޭކް މާ ދިގުލައިގެންދާ ދިޔުމަކީ ޗެލެންޖެއް ކަމަަށެވެ. ފީފާއިން މިފަހަރު ދެ އިންޓަނޭޝަނަލް ބްރޭކް އެއްކޮށްލައި، ދިގު ބްރޭކެއް ދީފައިވާ އިރު، އެކަމަށް ބައެއް ތަޖުރިބާކާރު ކޯޗުންވެސް ފާޑު ކިޔާފައިވެއެވެ. ޓްރުޗާ ބުނީ އޭނާގެ ވިސްނުމަކީވެސް އެ ކޯޗުންގެ ވިސްނުން ކަމަށެވެ.
ނިއު ރޭޑިއަންޓް ކައިރިންވި ބަލި ހަނދާން ނައްތާލުމަށް މަސައްކަތް ކުރާނެ ގޮތަކީ ކޮބާތޯ އެހުމުން ޓްރުޗާ ބުނީ ބަލިނުވެ އޮތް އެ ރެކޯޑު ގެއްލުނަސް، އާ ރެކޯޑެެއް ފަށަން ވިސްނަން ޖެހޭ ކަމަށެވެ. މާޒިޔާ އެފަހަރު ލީގުގައި ބަލިވީ ހަތަރު އަހަރު ފަހުންނެވެ. ގާތްގަނޑަކަށް ދެ ސީޒަނާއި ބައިގެ މުއްދަތެއްގެ ފަހުންނެވެ.
"މޯޓިވޭޓް ވާން އެބަޖެހޭ އަލުން ފަށަން. އަހަރެެމެން އެންމެ ފަހުން މެޗުގައި އެންމެ ފަހު ވަގުތު ބަލިވީ. އަހަރެމެން އުފަލެއް ނުވާނެ އެ ކަމަކާ، އަދިވެސް ހިތްދަތިކަން އެބަހުރި. އެހެންވިޔަސް އަަހަރެން ދެކޭ ގޮތުގައި ކުޅުންތެރިންވެސް މިހާރު ތިބީ ވަރުގަދަކޮށް އެނބުރި އަންނަން ކެތްމަދުވެފައި، އެއް ރެކޯޑަށް ނިމުން އަޔަސް އަހަރެމެން އާ ރެކޯޑެއް ފައްޓަން މި ބޭނުންވަނީ،" ޓްރުޗާ ޕްރެސްގައި ބުންޏެވެ.
ޓްރުޗާ ބުނީ މިއީ ޕްރެޑިކްޓް ކުރަން އުނދަގޫ ސީޒަނެއް ކަމަށާއި، ނިއު ރޭޑިއަންޓް މެޗަށްވުރެ އުނދަގޫ ނުވެދާނެ ނަމަވެސް، ވިކްޓްރީ މެޗު ވާނީ ތަފާތު ޗެލެންޖެއް ކަމަށެވެ.
"އަހަރެން ފުރަތަމަ ފަށަމުންވެސް ބުނިން މިއީ ޕްރިޑިކްޓް ކުރަން ވަރަށް އުނދަގޫ ލީގަކަށް ވާނެއޭ. ބޮޑު ޓީމެއް ބަލިނުކުރެވޭނެހެން ހީވާ ޓީމުތަކުންވެސް އުނދަގޫތަކެއް ކުރިމަތިކުރުވާފާނެ. ވިކްޓްރީ އެންމެފަހުން ކުޅުނު މެޗުގައި 3-0 އިން ކުރީގައި އޮއްވައި، 3-3 އިން އެއްވަރުވެސްވެ، ފަހުވަގުތު 4-3 އިން މޮޅުވީ. މިއީ ޝައުގުވެރި ލީގެއް. ކޮންމެ ޓީމެއްވެސް ސަޕްރައިޒެއް ދީފާނެ،"
"ނިއުއަށްވުރެ ބޮޑު ޗެލެންޖެއް ނޫނަސް، ޔަގީނުންވެސް އެއީ ތަފާތު މެޗަކަށްވާނެ. ވިކްޓްރީން އާ ކުޅުންތެރިންނާއެކު، އާ ކޯޗެއްވެސް ގެނެސް މި ސީޒަނަށްް އޮތީ ތަފާތުކޮށް. މި މެޗު ވާނީ އުނދަގޫ މެޗަކަށް،" ޓްރުޗާ ފާހަގަކުރިއެވެ.
މާޒިޔާއާއި ވިކްޓްރީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 3:50 ގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް