ސަންޑަލޭންޑަށް ކުޅެމުން އަންނަ ސްވިޒަލޭންޑްގެ ކެޕްޓަން ގްރަނިޓް ޖަކާ، 2022 ވަނަ އަހަރު ފޭކް ކޮވިޑް ވެކްސިން ސެޓްފިކެޓެއް ހެއްދި މައްސަލައިގެ އަދަބެއްގެ ގޮތުން ޖޫރިމަނާ ކޮށްފިއެވެ.

ޖަކާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް 19 ގެ ސަބަބުން ޖަހަން ޖެހުނު ވެކްސިން ނުޖަހައި އޭނާ ސެޓްފިކެޓެއް ހެއްދި ކަމަށާއި، އެކަން އެގޮތަށް ކުރީ ވެކްސިނާ ދޭތެރޭގައި ބައިވަރު ސުވާލުތަކެއް ހުރުމުން ކަމަށެވެ.

އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ބުނީ އެއީ ހެދުނު ގޯހެއް ކަމަށާއި، އެކަމުގައި ސްވިޒަލޭންޑް ފުޓުބޯޅަ އިދާރާ ކިބައިން މައާފަށް އެދިފައިވާ ކަމަށެވެ. އެކަމުގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށްވެސް ޖަކާ ބުނެފައިވެއެވެ.

ސްވިސް ފުޓްބޯލް އެސޯސިއޭޝަން (އެސްއެފްވީ) އިން ބުނީ ޖަކާއަށް ހެދުނު ގޯސް އޭނާ އަމިއްލައަށް ގަބޫލުކޮށް، އެކަން އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގެ މެޗުތަކަށް ޖަކާ ޓީމަށްވެސް ނަގާފައެއް ނުވެއެވެ.

ސްވިސް އެފްއޭއިން ޖަކާ ޖޫރިމަނާކުރީ 136،000 ޑޮލަރުންނެވެ. އެއީ ސަސްޕެންޑެޑް ޖޫރިމަނާއެކެވެ. އެހެންކަމުން ޖޫރިމަނާ ދައްކަން ވަކި މުއްދަތެއް ނެތެވެ.

ޖަކާ ބުނީ އޭނާއަށް ދިން އަދަބު ގަބޫލުކުރާ ކަމަށާއި، ޒިންމާ ނަގައި އެކަމުގައި އެންމެން ކިބައިން މައާފަށް އެދޭ ކަމަށެވެ. ޖަކާ 2022 ވަނަ އަހަރު އާސެނަލަށް ކުޅެމުން ގޮސްފައިވާ އިރު، އެއަހަރު ސެޕްޓެމްބަރުގެ ތެރޭގައި ކޮވިޑް ވެކްސިނަށް އިތުބާރު ނުކުރާކަމަށް ދޭހަވާ ޕޯސްޓެއް ކޮށްފައިވެއެވެ.

ސްވިޒަލޭންޑްގެ ކެޕްޓަން ޖަކާ ވަނީ ގައުމީ ޓީމަށް 152 މެޗު ކުޅެދީފައެވެ. އެއީ ރެކޯޑު އަދަދެކެވެ.