އެބޯލާ ޖެހިފައިވާ ސްވިޒަލޭންޑްގެ އަންހެނަކާއި އޭނާގެ ފިރިމީހާ، އެއާ އެމްބިއުލެންސެއްގައި ނައިޖީރިއާއިން ސްވިޒަލޭންޑަށް ގެންގޮސްފިއެވެ.

މިދިޔަ ހޯމަ ދުވަހު، ސްވިޒަލޭންޑްގެ ފެޑެރަލް އޮފީސް އޮފް ޕަބްލިކް ހެލްތު (އެފްއޯޕީއެޗް) އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ބުންޑިބުގްޔޯ އެބޯލާ ވައިރަސް ޖެހިފައިވާ އެ އަންހެން މީހާއަށް ޖެނީވާ ޔުނިވަސިޓީ ހޮސްޕިޓަލް (އެޗްޔޫޖީ) ގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާއާ ގާތުން އެއްތާވި މީހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އޭނާގެ ފިރިމީހާ ވަނީ ޒިއުރިކް ޔުނިވަސިޓީ ހޮސްޕިޓަލް (ޔޫއެސްޒެޑް) ގައި އެކަހެރިކޮށްފައެވެ. އެ ދެ ހޮސްޕިޓަލަކީ ވެސް މިފަދަ ކޭސްތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ދެ ތަން ކަމަށާއި، މިކަމުގެ ސަބަބުން އެ ގައުމުގެ އާންމު ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އެފްއޯޕީއެޗުން ބުންޏެވެ.

ނައިޖީރިއާގެ ހެލްތު މިނިސްޓަރު މުހައްމަދު ޕާޓޭއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަހަރު ފެތުރުނު އެބޯލާގެ ތެރެއިން އެ ގައުމުން ފެނުނު ފުރަތަމަ ކޭސް ކަމަށްވާ މި އަންހެން މީހާ ވެރިރަށް އަބޫޖާއިން ފުރީ ހޯމަ ދުވަހުގެ ހެނދުނު މިނިސްޓަރުގެ ހުއްދައާއެކުގައެވެ. ނައިޖީރިއާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (އެންސީޑީސީ) އިން ބުނި ގޮތުގައި، އޮކްޓޫބަރު 20 ގައި ބަލި ކަށަވަރުވި އެ މީހާގެ ހާލު ރަނގަޅެވެ. އަދި އޭނާ ސްވިޒަލޭންޑަށް ފޮނުވާލީ އެ ގައުމުގެ ރަސްމީ އެދުމެއްގެ މަތިން، ނައިޖީރިއާގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދިނުމަށް ފަހުގައެވެ.

މީގެ އިތުރުން، ބަލިޖެހުނު މީހާއާ އެއްތާވި 54 މީހަކު ދެނެގަނެ، އެ މީހުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެންސީޑީސީން ބުންޏެވެ. ނަމަވެސް، މި ދެމަފިރިންގެ ވަނަވަރާއި އެ އަންހެން މީހާއަށް މި ވައިރަސް ޖެހުނު ގޮތުގެ ތަފްސީލު ރަސްމީ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވާތީ، މި މައްސަލައިގައި ކަށަވަރު ނުވާ އެހެން ކަންކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.