"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގެ 17 ވަނަ އެޑިޝަން، ރެކޯޑް އަދަދެއް ކަމަށްވާ 5،500 އަށްވުރެ ގިނަ ބައިވެރިންނާ އެކު ހުޅުމާލޭގައި ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

މިއީ މި ރޭހުގެ ދިގު ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވި ފަހަރެވެ.

ވޯލްޑް އެތުލެޓިކްސްގެ ރޭންކިން ކޮމްޕެޓިޝަނެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އަދި އޭއައިއެމްއެސް (އޭމްސް) ސެޓިފައިޑް ރޫޓެއްގައި ކުރިއަށްދިޔަ މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

20 ނޮވެމްބަރު 2026، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 17 ވަނަ އެޑިޝަންގެ ތެރެއިން ---- ފޮޓޯ: ދިރާގު

ރޭހުގެ ހަރަކާތްތައް ފެށުނީ ރޭ ދަންވަރު 2:30 ގައި ބޭއްވި ހާފް މެރަތަނުންނެވެ. އޭގެފަހުން ފަތިހު 5:30 ގައި 10 ކިލޯމީޓަރުގެ ދުވުން ކުރިއަށްދިޔައިރު، ހަވީރު 4:30 ގައި ވަނީ ފަސް ކިލޯމީޓަރުގެ އޯޕަން، ސްކޫލް އަދި ޓީމް އިވެންޓްތައް ބާއްވާފައެވެ. ހަވީރުގެ ވަގުތުގައި ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ދުވުންތެރިންގެ ފޯރިއަކަށް އެއްވެސް ބަދަލެއް ނައިސް ވަނީ ހިތްވަރާއެކު ރޭސް ފުރިހަމަކޮށްފައެވެ.

ހަތަރު ދުވުންތެރިން ހިމެނޭ ގޮތަށް މި އަހަރު އަލަށް ތައާރަފުކުރި ކޯޕަރޭޓް، ރިސޯޓް، ރަނިން ކްލަބް އަދި ޔުނިވާސިޓީ/ކޮލެޖް ކެޓަގަރީތަކަށް ބޮޑު ތަރުހީބެއް ލިބުނުއިރު، ސެންޓްރަލް ޕާކުގައިވަނީ އާއިލާތަކަށް އަމާޒުކޮށްގެން ފޯރިގަދަ ފުޑް ސްޓްރީޓަކާއެކު ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން ވަނަވަނައަށް ދިޔަ ދުވުންތެރިންނަށް ޖުމްލަ 296،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

20 ނޮވެމްބަރު 2026، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 17 ވަނަ އެޑިޝަންގެ ތެރެއިން ---- ފޮޓޯ: ދިރާގު

ކުޑަކުދިންގެ ހައްގުތަކާއި ސިއްހީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް އެހީވުމަކީ މި ރޭހުގެ މައިގަނޑު އެއް މަގްސަދެވެ. އެގޮތުން ރޭހުގައި ރަޖިސްޓްރީވި ކޮންމެ މީހެއްގެ ފީން 100 ރުފިޔާ އާއި ހާއްސަ ބިބް ވިއްކައިގެން ލިބުނު ފައިސާ، ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި 12 ޖަމިއްޔާއަކަށް ހަމަހަމަކޮށް ހަދިޔާކުރާނެއެވެ. އެ ޖަމިއްޔާތަކަކީ އާކް، ބީވީއައިއެސްއެމް، ކެންސާ ސޮސައިޓީ، ކެއާ ސޮސައިޓީ، ކެޕްސް، ޑައިބެޓީސް ސޮސައިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ތެލަސީމިއާ ސޮސައިޓީ، މަމްސް އެއިޑް، ޝީ، ޓައިނީ ހާޓްސް އަދި ވީޓް އެވެ.

20 ނޮވެމްބަރު 2026، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 17 ވަނަ އެޑިޝަންގެ ތެރެއިން ---- ފޮޓޯ: ދިރާގު

އަދި ދުވުންތެރިންގެ މެދުގައި ނެގޭ ވޯޓަކުން އެންމެ ގިނަ ވޯޓު ހޯދާ ފަސް ޖަމިއްޔާއަކަށް ދިރާގުން ދޭ ހާއްސަ ގްރާންޓުގެ ގޮތުގައި ޖުމްލަ 200،000 ރުފިޔާ (ކޮންމެ ޖަމިއްޔާއަކަށް 40،000 ރުފިޔާ) ދިނުމަށްވެސް ވަނީ ނިންމާފައެވެ.