ބަންގްލަދޭޝްގެ ޑާކާއިން މުހައްމަދު ޝަމްއޫން، ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗުގެ ޓިކެޓްގެ އަގު ހެޔޮކޮށްފިއެވެ.

މިފަހަރު ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ އިރު، އެންމެ ފުރަތަމަ މެޗުތަކުގެ ޓިކެޓް ވިއްކި އެންމެ ދަށް އަގަކީ 1000 ބަންގްލަދޭޝް ޓަކާއެވެ. އެއީ ގާތްގަނޑަކަށް އަށް ޑޮލަރެވެ. އެ އަގު މާބޮޑުވެގެން ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ސާފުން ވަނީ ޓިކެޓްގެ އަގު ދަށްކުރަން އޭރު ދެކޮޅު ހަދައިފައެވެ.

ޓިކެޓްގެ އަގު ބޮޑުވުމުން ބަންގްލަދޭޝްގެ ގްރޫޕް ސްޓޭޖު މެޗުތަކަށް އެންމެ އެކަށީގެންވާ އަދަދަށް ސަޕޯޓަރުން ވަދެފައެއް ނުވެއެވެ. އެ މެޗުތަކުގައި ފެނިގެން ދިޔައީ ގާތްގަނޑަކަށް 9،000 އަކަށް ސީޓު ހުސްކޮށް ސްޓޭޑިއަމް އޮތް ތަނެވެ. އެހެން ނަމަވެސް ސެމީ ފައިނަލުގައި ބަންގްލަދޭޝްއިން ޕާކިސްތާން ކައިރިން 1-0 އިން ބަލިވި މެޗަށް ގާތްގަނޑަކަށް 22،000 މީހުންގެ ސްޓޭޑިއަމް ފުރިފައިވެއެވެ. އެހެން ނަމަވެސް އެމެޗުން ބަންގްލަދޭޝް ބަލިވުމާއެކު ފައިނަލްގެ ފޯރި ވަނީ ކުޑަވެފައެވެ.

ސާފުން އިއުލާނުކޮށްފައިވާ ގޮތުގައި މިހާރު ޓިކެޓްގެ ފެށޭ އަގަކީ 200 ޓަކާއެވެ. އެ އަގުގައިވެސް މާދަމާ ރޭ ފައިނަލަށް ވަންނަ ސަޕޯޓަރުން މަދުވާނެ ކަމަށް ބެލެވިފައިވާ އިރު، ނިންމުމުގެ ރަސްމިއްޔާތުގެ ބައެއް ޕްލޭންތައްވެސް ބަންގްލަދޭޝް ކެޓުމާއެކު ބަދަލުވާނެ ކަމަށް ބެލެވެއެވެ.

މިފަހަރު ފައިނަލުގައި ވާދަކުރާ އިންޑިއާއަށް މިއީ 13 ވަނަ ފައިނަލެވެ. ޖެހިޖެހިގެން 10 ވަނަ ފައިނަލަށް އެޓީމުން ނުކުންނަނީ މުޅިން އަލަށް ފައިނަލުގައި ވާދަކުރާ ޕާކިސްތާނާ ދެކޮޅަށެވެ.