ގޭންގް ކުށްތަކާ ދެކޮޅަށް ފުލުހުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށާއި، މިހާތަނަށް 52 އޮޕަރޭޝަން ހިންގާ 10 ގޭންގް ލީޑަރެއްގެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގައި މިރޭ ބޭއްވި "އަހާ" ފޯރަމްގެ ހަތްވަނަ ސެޝަންގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، 2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު، ކޮންމެ އަހަރަކު ގާތްގަނޑަކަށް ދޭއް އާއި ފަހަކާ ދެމެދުގެ އަދަދެއްގެ މީހުން ގޭންގް މާރާމާރީގައި ގަތުލުކުރެވިފައިވާ ކަމަށެވެ.
އިހްސާން ވިދާޅުވީ މި ނުރައްކާތެރި ހާލަތަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ގޭންގްގެ ނުފޫޒު ގަދަ ސަރަހައްދުތަކުގައި ފުލުހުންގެ ހާޒިރީ އިތުރުކުރާނެ ކަމަށެވެ. ގޭންގުތަކުގެ މީހުންނަށް ކުރިން އުޅެވުނު މިނިވަންކަން ދެން ނުލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ފަރާތްތަކަށް ވަނީ ދެ މަގެއް ދައްކާފައިކަމަށް މިނިސްޓެރު ވިދާޅުވިއެވެ.
"އެ މީހުންނަށް އެތަނުގައި ކުރީގައި އުޅެމުން އައި މިނިވަންކަމުގައި މިހާރު ނޫޅެވޭނެ. އެ މީހުންނަށް އަޅުގަނޑުމެން ދީފައިވާނެ ޗޮއިސްއެއް. އެ ޗޮއިސްއަކީ ހިނގާށޭ، ޒުވާން ކުދިންނޭ ތިއީ، ކުރިމަގު އަދި އެބަ އޮތޭ، މިކަމުން ދުރުހެލިވެ ރާއްޖެއަށް ފައިދާ ހުރިގޮތުގައި ވިޔަފާރިތަކުގައި އުޅެން، ވަޒީފާތަަކަށް ދާން އެ ފުރުސަތު ދީފައިވަނީ،" އިހުސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ފަރާތްތަކުން މި މަގު ހިޔާރުކޮށްފައިވެއެވެ.
ހިންގާފައިވާ 52 އޮޕަރޭޝަންގެ ތަފްސީލުތަކަށް ބަލާއިރު، 10،450 މީހަކު ވަނީ ބަލައިފާސްކޮށްފައެވެ. އޭގެ ތެރެއިން 517 މީހަކު ހައްޔަރުކުރެވިފައިވާ އިރު، އެ މީހުންނާ ގުޅުންހުރި 670 ސައިކަލު ވަނީ ޓޯކުރެވިފައެވެ.
މިނިސްޓަރު ވިދާޅުވީ، ކުރިން ފަލަ ސުރުހީތަކުން ފެންނަމުންދިޔަ ގޭންގް މާރާމާރީގެ ހަބަރުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ މިހާތަނަށް އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގޭންގް މާރާމާރީއެއްގައި ގެއްލިފައިނުވާކަމަށް އިހްސާން ވިދާޅުވިއެވެ.
" 10 ގޭންގް ލީޑަރެެއްގެ މައްސަލަ ތަހުގީގުކޮށް، މިދިޔަ ޖޫން މަހުން ފެށިގެން އެބަ ގެންދަން އެ މައްސަލަ ބަލަމުން، އާ ގާނޫނުގެ ދަށުން މި މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅިގެންދާއިރުގައި ރާއްޖޭގައި އޯގަނައިޒްޑް ކްރައިމް، ގޭންގް ހަދައިގެން މި އުޅޭ މައްސަލައަށް ނިމުމެއް އަންނާނެ،"، އިހުސާން ވިދާޅުވިއެވެ.
އިތުރު ފިޔަވަޅެއްގެ ގޮތުން، ކުޑަކުދިން ގޭންގްތަކަށް ވައްދައި ރެކްރޫޓްކުރުމަށް ބޭނުންކުރި "26 ސޭފް ހައުސްއެއް" ރެއިޑްކޮށް، އެތަންތަން އެގޮތުގައި ބޭނުން ނުކުރެވޭނެ ގޮތް ހަދާފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް