ރާއްޖޭގައި ބޭރުގެ ކުންފުނިތަކުން އިންވެސްޓްކުރުމަށް އިދިކޮޅު އެމްޑީޕީން އަބަދުވެސް މަރުހަބާ ކިޔާ ކަމުގައި ވިޔަސް، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއު ފަދަ ބޮޑެތި އިންވެސްޓްމެންޓްތައް ގެންނަން ޖެހޭނީ އާއްމު ރައްޔިތުންނަށް ފޮރުވުމެއް ނެތި، ހާމަކަން ބޮޑުކޮށްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ވަރުގަދަ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށްޓަކައި، އިންވެސްޓަރުންގެ އިތުބާރު ލިބޭނެ ފަދަ ހަރުދަނާ މާލީ އަދި ގާނޫނީ ނިޒާމެއް ގާއިމްކޮށް، ސާފުކޮށް އެނގޭނެ ޓެކްސް އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން، މައްސަލަތައް ހައްލުކުރުމުގެ އިތުބާރުހިފޭ ނިޒާމެއްވެސް ގާއިމްކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ އިންވެސްޓްމެންޓްތައް ގެންނަން ޖެހޭނީ ހާމަކަންބޮޑުކޮށް، ދެފަރާތުގެ ހައްގުތައްވެސް ރައްކާ ކުރެވޭނެ އިޖުރާއަތްތަކެއްގެ ތެރެއިންނެވެ. އެހެން ނަަމަވެސް، ރަސްމާލޭގެ ދެބައިކުޅައެއްބައި ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި މީގެ އެއްވެސް ޝަރުތެއް ފުރިހަމައެއް ނުވެއެވެ،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޮޑެތި އިންވެސްޓްމެންޓްތައް ގެނައުމުގެ ރަނގަޅު އުސޫލާ އީގަލް ހިލްސްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހިލާފުވާ އެއް ސަބަބަކީ، އެ އެއްބަސްވުމުގެ ކޮމާޝަލް ޓާމްސް ރައްޔިތުންގެ މަޖިލީހަށާއި މީޑިއާއަށް އަދި އާއްމުންނަށްވެސް ހާމަކޮށްފައި ނުވުމެވެ.
މީގެ އިތުރުން ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އަގުކުރި ގޮތެއް ނޭނގޭ ކަމަށާއި، ދޫކުރާ ބިމުން އެކަށީގެންވާ އަގެއް ދައުލަތަށް ލިބޭނެކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި "މޯލްޑިވްސް ވޯޓާފްރޮޮންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމާ ބެހޭ މައުލޫމާތު ސަރުކާރުން ދަނީ އޮޅުވާލަމުންނެވެ.
"ސަރުކާރުން ނެރުނު ނޫސްބަޔާގައި، ފިޔަވަހިތަކަކަށް ބަހާލައިގެން 20 ބިލިއަން ޑޮލަރު ހަރަދު ކުރާނެކަމަށް ބުނެފައި އޮތް ނަމަވެސް އެއާ ގާތްކުރާ އަދަދެއްގެ ފައިސާވެސް ހަރަދު ކުރާނެކަމުގެ ޔަގީންކަންވެސް އީގަލްހިލްސް އިން ދީފައެއް ނުވެ އެވެ. އީގަލް ހިލްސް އިން ނެރުނު ބަޔާނުގައި އެއްވެސް އަދަދެއް ޖަހާފައެއް ނުވެއެވެ" ފައްޔާޒު ވިދާޅުވިއެވެ.
ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރު ކުންފުންޏަކަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން ސަރުކާރުން ދެކޮޅު ހެދުމަކީ ކަންބޮޑުވާން ޖެހޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްބަސްވުމުގެ ސަބަބުން ދިގު މުއްދަތެއްގައި ގައުމަށް ކުރާނެ އަސަރުތައް ރައްޔިތުންނަށް ފުރިހަމައަށް ސާފުކޮށްދިނުމަށް ފަހު މެނުވީ މިފަދަ އެއްބަސްވުމެއް ކުރިއަށް ގެންގޮސްގެން ނުވާނެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ކޮމެންޓް