އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ، ފައިނޭންޝަލް އުސޫލުތަކުން ބޭރުގައި ހިންގާފައިވާ ކަމަށް ބުނާ 115 މައްސަލައިގެ ތެރެއިން 114 މައްސަލަ އެ ކްލަބުގެ މައްޗަށް ސާބިތުވެފައިވާ ނަމަވެސް، އެ ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ހަލްދޫން އަލް މުބާރަކް ވިދާޅުވެއްޖެއެވެ.
ސިޓީ މިހާރު ހިންގަމުން ދަނީ ޝެއިހް މަންސޫރުގެ އަބޫ ދާބީ ޔުނައިޓެޑް ގްރޫޕުންނެވެ. އޭނާ ސިޓީ ގަތީ 2008 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ހަލްދޫން ސިޓީގެ ޗެއާމަނަކަށް ހުރި އިރު، ސިޓީގެ މައްޗަށް ސާބިތުވި މައްސަލަތަކަކީ 2009 އިން 2023 ވަނަ އަހަރާ ދެމެދު ހިންގާފައިވާ ކަންކަމުގެ މައްސަލަތަކެކެވެ.
ޕްރިމިއާ ލީގުން ބުނެފައި ވަނީ އެކަމުގެ ތަފްސީލު އަދި ހާމަކުރެވެން ނެތް ކަމަށާއި، އެކަމުގައި ވަކި އެއްޗެއް އަދި ބުނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާގެ ބައެއް ބޮޑެތި ނޫސްތަކުންވެސް ވަނީ ސިޓީގެ މައްޗަށް އެއް މައްސަލަތައް ސާބިތުވެފައިވާކަމަށް ޔަގީން ކޮށްދީފައެވެ.
ސިޓީގެ މައްޗަށް ބަލަން ފެށި މައްސަލަތަކުގެ ތެރޭގައި 2009-10 ވަނަ އަހަރު ސީޒަނުން ފެށިގެން 2017-18 ވަނަ އަހަރު ސީޒަނާ ހަމައަށް ފައިސާގެ ތަފްސީލުތައް އެކަށީގެންވާ ގޮތެއްގައި ހާމަނުކުރުންވެސް ހިމެނެއެވެ. އެގޮތުން އެ ކްލަބަށްވާ ފައިދާގެ އަދަދު އޮޅުވާލިކަމަށް ތުހުމަތު ކޮށްފައިވެއެވެ. އެއީ ސްޕޮންސާއާއި ކްލަބުގެ ހަރަދުތަކުގެ ތަފްސީލުތަކެވެ.
"ހުކުރު ދުވަހު އިވިގެން ދިޔަ ވާހަކަތަކާއެކު އަހަރެންވެސް މި ދަނީ ފަހަރަކު ސުވާލަކަށް ޖަވާބު ދެމުން. މި ކްލަބުގެ ސަޕޯޓަރުންނަކީ އަހަރެންގެ އާއިލާ. އަހަރެން ތި އާއިލާއަށް ބުނަން ބޭނުން ވަނީ ޕްރިމިއާ ލީގުގެ ޕްރޮސެސްއަށް އަދި ވަރަށް ވަގުތު އެބައޮތޭ. މި މައްސަލަތައް ފުރަތަމަ ބަލަން ފެށި ހިސާބުންވެސް މި ކްލަބުގެ ކުށެއް ނެތް ކަމަށް ބުނިން. އެކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަދިވެސް އެބައޮތް،" އަލް މުބާރަކް ސަޕޯޓަރުންނަށް ހާއްސަކުރި ސިޓީގައި ވިދާޅުވިއެވެ.
އަލް މުބާރަކް ވިދާޅުވީ އެ މައްސަލަތަކުން ސިޓީ ސަލާމަތްވާނެކަމުގެ ފުރިހަމަ މައުލޫމާތު ހުރި ނަމަވެސް، މައްސަލައިގެ ބާވަތުން އެ މައުލޫމާތުތައް ހާމަ ކުރެވެން ނެތް ކަމަށެވެ.
ސިޓީން ފައިސާގެ މުއާމަލާތްތަކުގައި މަކަރު ހެދި ކަމަށް ބަލައި، މީގެ ކުރިން ދެ އަހަރަށް ޗެމްޕިއަންސް ލީގުން ބޭން ކުރަން 2020 ވަނަ އަހަރު ނިންމާފައިވެއެވެ. އެއީ 2012 ވަނަ އަހަރުން 2016 ވަނަ އަހަރު ސްޕޮންސާޝިޕް ފައިސާ ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ހޯދާފައިވުމުންނެވެ. އެހެން ނަމަވެސް ސިޓީން ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި އިސްތިއުނާފުކޮށް، ކާމިޔާބުކޮށްފައެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
ކޮމެންޓް