އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ފެނާއި ނަރުދަމާގެ ހިދުމަތްތައް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިނެވެ.

27 ސެޕްޓެމްބަރު 2026، މާލެ، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ފެނާއި ނަރުދަމާގެ ހިދުމަތްތައް އެމްޑަބްލިއުއެސްސީއަށް ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުން -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެމްޑަބްލިއުއެސްސީން މައުލޫމާތުދޭ ގޮތުގައި މި ފްރޭމްވޯކް އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ފެނާއި ނަރުދަމާގެ ހިދުމަތްތައް މެދުނުކެނޑި، އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމަށް އިސްކަންދީގެން، ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ހިދުމަތްތައް ބަދަލުކުރުމެވެ.

މި ބަދަލުގެ ދަށުން، ކަމާގުޅޭ އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރާނެއެވެ. މީގެ އިތުރުން، ހިނގަމުންދާ މަޝްރޫއުތަކާއި، ކަސްޓަމަރުންގެ ރެކޯޑުތަކާއި، އެއްބަސްވުންތަކާއި، އިންވެންޓްރީ އަދި އެހެނިހެން ޒިންމާތައް ވެސް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޔަގީންކުރުމަށްފަހު އެ ކުންފުންޏާ ހަވާލުކުރެވޭނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހިދުމަތްތައް ބަދަލުކުރުމުގެ މަރުހަލާގައި، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި ލިޔެކިޔުންތަކާއެކު ތަރުތީބުކޮށް ހިދުމަތްތައް ހަވާލުކުރުމުގެ މަސައްކަތުގައި އެމްޑަބްލިއުއެސްސީ އާއި ފެނަކައިން ގާތުން މަސައްކަތް ކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.