ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ގައުމީ އިނާމު، މާލޭ ވޯޓާ އެންޑް ސްވަރޭޖެ ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ހަތަރު މުވައްޒަފަކު ހާސިލުކޮށްފިއެވެ.
މި އިނާމު ލިބުނު ހަތަރު ބޭފުޅުންނަކީ މުސްތަފާ ހަސަން، އާމިނަތު ރަޝީދާ، މުހައްމަދު އަލީ އަދި މުހައްމަދު އިޔާޒެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި ބޭފުޅުންނަށް އިނާމު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މުސްތަފާ ހަސަން ވަނީ 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށާއި، މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމްޑަބްލިޔުއެސްއޭ) އަދި އެމްޑަބްލިޔުއެސްސީއަށް ހިދުމަތްކުރައްވައިފައެވެ. 16 އޮގަސްޓް 1995 ގައި ވޯޓާ ޕްރޮޑަކްޝަން އޮފިސަރުގެ ގޮތުގައި ކުންފުންޏާ ގުޅިވަޑައިގެންނެވި މުސްތަފާ މިހާރު ހުންނެވީ ސީނިއާ ޕްރީފޯމް އޮޕަރޭޝަންސް އިންޖިނިއަރުގެ މަގާމުގައެވެ. ބޮޓަލް ފެން ޕްލާންޓް ގާއިމުކޮށް ހިންގެވުމާއި، ޕްލާންޓް އަޕްގްރޭޑްކުރެއްވުމާއި، އާ މެޝިނަރީ ބެހެއްޓެވުމުގެ އިތުރުން ޕްރީފޯމް ލައިޓްވެއިޓިން ފަދަ ފަންނީ މަޝްރޫއުތަކުގައި އިސް ދައުރެއް އަދާކުރެއްވި މުސްތަފާ ވަނީ 2006 އިން 2008 އަށް މުވައްޒަފުންގެ ކްލަބުގެ ރައީސްކަންވެސް ކުރައްވައިފައެވެ. އަދި 1996، 1997 އަދި 2018 ވަނަ އަހަރު ކުންފުނީގެ ފާހަގަކޮށްލެވޭ އެވޯޑުތައް ހާސިލުކުރެއްވިއެވެ.
އާމިނަތު ރަޝީދާއަކީ އެމްޑަބްލިޔުއެސްއޭ އާއި އެމްޑަބްލިޔުއެސްސީގައި 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. 01 ޑިސެންބަރު 1995 ގައި ބިލިން އެކައުންޓްސް އެސިސްޓަންޓެއްގެ ގޮތުގައި ކުންފުންޏާ ގުޅިވަޑައިގެން، މެދުނުކެނޑި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އާމިނަތު ރަޝީދާ މިހާރު ހުންނެވީ އެސިސްޓަންޓް ޕެއަބަލް އެގްޒެކެޓިވްގެ މަގާމުގައެވެ. ފައިނޭންސް ޑިވިޝަންގައި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގެ ކަންކަން ހިންގެވުމާއި، މާލީ ރެކޯޑްތަކާއި ބިލް ރެކޯޑްތައް ސައްހަކަމާއެކު ބެލެހެއްޓެވުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި އާމިނަތު ރަޝީދާއަށް 2004 ވަނަ އަހަރު "މޯސްޓް ޑެޑިކޭޓެޑް އެމްޕްލޯއީ" އެވޯޑާއި 2010 ވަނަ އަހަރު "މޯސްޓް ޕްރޮޑަކްޓިވް އެމްޕްލޯއީ" އެވޯޑް ލިބިވަޑައިގެންފައިވެއެވެ.
މުހައްމަދު އަލީ ވަނީ އެމްޑަބްލިޔުއެސްއޭ އާއި އެމްޑަބްލިޔުއެސްސީގައި 35 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވައިފައެވެ. 01 ޖަނަވަރީ 1996 ގައި ރީ-ޑިސްކަނެކްޝަން ޓީމް ލީޑަރެއްގެ ގޮތުގައި ކުންފުންޏާ ގުޅިވަޑައިގެންނެވި މުހައްމަދު އަލީ މިހާރު ހުންނެވީ ސީނިއާ ކަސްޓަމާ ސާވިސް އޮފިސަރުގެ މަގާމުގައެވެ. ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމާއި، ރާއްޖެތެރޭ އޮފީސްތައް ހިންގެވުމާއި، ކުންފުނީގެ އައިއެސްއޯ އަދި އޯއެޗްއެސްއޭއެސް ސްޓޭންޑަޑްތައް ހާސިލުކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. 1998 ވަނަ އަހަރު މާލޭގެ ފެން ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި މުހައްމަދު އަލީ ވަނީ 2014 ގެ ފެނުގެ ކާރިސާގައިވެސް މެދުކެނޑުމެއް ނެތި ހިދުމަތްދެއްވައި ނަމޫނާ ދައްކަވައިފައެވެ. އެ ހިދުމަތުގެ އަގުވަޒަންކޮށް 2020 ވަނަ އަހަރު "ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާސް" އެވޯޑް ލިބިވަޑައިގެންނެވިއެވެ.
މުހައްމަދު އިޔާޒް ވަނީ ދައުލަތަށް 38 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފައެވެ. 10 އޮގަސްޓް 1987 ގައި މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީން ހިދުމަތް ފެއްޓެވުމަށްފަހު، 01 ޖަނަވަރީ 1996 ގައި އެމްޑަބްލިޔުއެސްސީއާ ގުޅިވަޑައިގެން، އެ ކުންފުނީގައި 30 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި މަސައްކަތްކުރައްވާފައިވެއެވެ. ޓެކްނިކަލް ސަޕޯޓާއި، ޓްރާންސްޕޯޓް އަދި މެނުފެކްޗަރިން ދާއިރާގެ ތަފާތު މަގާމުތައް ފުރުއްވުމަށްފަހު މިހާރު ހުންނެވީ މީޓާ ރިޕްލޭސްމަންޓް އޮފިސަރުގެ މަގާމުގައެވެ. ކުންފުނީގެ ދަތުރުފަތުރާއި އޮޕަރޭޝަނަލް ކަންކަން ބެލެހެއްޓެވުމާއި، އުޅަނދުފަހަރުގެ ސަލާމަތީ ފެންވަރު ދެމެހެއްޓެވުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި އަވަސް ހިދުމަތް ފޯރުކޮށްދެއްވުމުގައި ޒިންމާދާރު މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ.
މި ހަތަރު ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކޮށް، އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުންގެ ފަރާތުން ވަނީ އެ ބޭފުޅުންނަށް މަރުހަބާއާއި ޝުކުރު ދަންނަވައިފައެވެ.
ކޮމެންޓް