މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަސްޓަމާ ކެއާ ހޮޓްލައިންގެ ގޮތުގައި 1575 ތައާރަފުކޮށް، ކުއްލި ހާލަތްތަކުގައި ގުޅުމަށް 105 ހާއްސަކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ބަދަލަކީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހޮޓްލައިން ނަންބަރުތަކަށް ގެނެވުނު ބަދަލެއް ކަމަށެވެ.

ކުންފުނީގެ ހިދުމަތްތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އާންމު އެހީތެރިކަން ހޯދުމަށް ހާއްސަކުރެވިފައިވާ 1575 ނަންބަރުގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބޭނެއެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށްޓަކައި، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީވެސް މި ނަންބަރެވެ.

މީގެއިތުރުން، ކުންފުނީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލި ހާލަތްތަކުގައި ގުޅުމަށް ހާއްސަކުރެވިފައިވާ އެމަޖެންސީ ހޮޓްލައިނެކެވެ. މި ނަންބަރުގެ ހިދުމަތް ހަފުތާގެ ހަތް ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެއެވެ.

އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. އެހެންކަމުން ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ކަނޑައެޅިފައިވާ ނަންބަރުތައް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.