އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ހިދުމަތްތަކަށް އީފާސް މެދުވެރިކޮށް ލޮގިންވެގެން އެދެވޭ ގޮތަށް އެ ކުންފުނީގެ އީ-ޕޯޓަލް އާ ފީޗާތަކާއެކު ލޯންޗުކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ސަރުކާރުގެ 2.0 ގެ ލަނޑުދަނޑިތަކާ އެއްގޮތަށް ވަންގަވް އަދި އީފާސް ފަދަ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ހިދުމަތެއް ދިނުމަކީ މި ބަދަލުގެ މަގުސަދެވެ. މި ޕޯޓަލް ބޭނުންކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
އާ ނިޒާމުގެ ދަށުން ކަސްޓަމަރުން ޕޯޓަލްއަށް ވަންނާނީ އީފާސް އެކައުންޓް މެދުވެރިކޮށެވެ. އެގޮތުން އަމިއްލަ ޕްރޮފައިލެއް ހެދުމަށްފަހު، ރައްކާތެރިކަމާއެކު ތަފާތު ހިދުމަތްތަކަށް ހުށަހެޅޭނެ މަގުފަހިވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
ޕޯޓަލް ބޭނުންކުރާނެ ގޮތް ދައްކައިދޭ ހާއްސަ ޓިއުޓޯރިއަލް ވީޑިއޯތައް ކުންފުނީގެ މީސްމީޑިއާ މަންސަތަކުގައި އާންމުކުރެވެމުންދާނެ ކަމަށާއި، އެއްވެސް ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ ހޮޓްލައިން 1575 އަށް ގުޅައިގެން އެހީ ހޯދެން ހުންނާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް އަވަސް އަދި އިތުބާރުހުރި ހިދުމަތެއް ފޯރުކޮށްދިނުމަކީ އެމްޑަބްލިޔުއެސްސީގެ އަމާޒެވެ.
ކޮމެންޓް