އެ މަނިކުފާނު ވެރިކަމާ ހަވާލުވިއިރަށްވުރެ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އަދަދު މިހާރު މަދުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ސަރުކާރު ކުންފުނިތަކުތައި 18،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. ރައީސް ވިދާޅުވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)ން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިން މައުލޫމާތުން އެނގޭ ގޮތުގައި އެ މުވައްޒަފުންނަށް ވަޒީފާ ދީފައިވަނީ ކުރީ ސަރުކާރުގައި ކަމަށެވެ.

"ދެން އަޅުގަނޑުމެން މިހާރު މި ދެންނެވި މަސައްކަތް ކުރަމުންދާ ދިޔުމުގަ މީ އަޅުގަނޑުމެންނާ ހަވާލުވިއިރަށްވުރެ މުވައްޒަފުންގެ އަދަދު މިހާރުވެސް މަދުވެފަ ހުންނާނީ، އިނގޭތޯ" ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މި މަސައްކަތް ކުރިއަށް ގޮސް އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރުގަ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ހުންނާނީ ކުންފުނިތަކައް ބޭނުންވާ ވަރަށް"

ރައީސް ވިދާޅުވީ ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރާކަމަށްވަންޏާމުން، ކުންފުނިތަކަށް ބޭކާރު ގޮތުގައި ނަގާފައި ތިބި މުވައްޒަފުން ވަކިކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، މުވައްޒަފުންގެ އަދަދު މަދުކުރަމުންދާނީ ޒިންމާދާރުކަމާއެކުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މުވައްޒަފުން ދޫކުރާއިރު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފަހިކޮށްދޭއިރު އެގޮތަށް ވަކިވާ މީހުންނަށް ރިޓަޔާމެންޓް ޕެކޭޖެއް ހަމަޖެހިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މުވައްޒަފުން ވަކިކުރާއިރު އެ މީހުންނަށް ލޯނެއް ނަގައިގެން ވިޔަފާރި ފެށުމަށް މަގުފަހިކޮށްދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.