އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ، ފައިނޭންޝަލް އުސޫލުތަކުން ބޭރުގައި ހިންގާފައިވާ ކަމަށް ބުނާ 115 މައްސަލައިގެ ތެރެއިނ 114 މައްސަލަ އެ ކްލަބުގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ސިޓީން މިދިޔަ ސީޒަން ހުސް އަތާ ނިންމާލި ނަމަވެސް، އޭގެ ކުރިން ހަތް ސީޒަނުގެ ތެރެއިން ހަ ސީޒަނުގެ ލީގު ނެގިއެވެ. އަދި 2022-23 ވަނަ އަހަރު ސިޓީން ޗެމްޕިއަންސް ލީގުވެސް ހޯދާފައިވާ އިރު، އެ ކްލަބުން ފައިނޭންޝަލް އުސޫލުތަކާ ހިލާފުވި މައްސަލަތައް އޮތުމުން، އެކަމަށް ފިޔަވަޅު ނޭޅި ކާމިޔާބީތައް ހޯދާތީ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ސިޓީގެ 115 މައްސަލައެއް މިނިވަން ކޮމިޝަނުން ބަލަން ފެށީ 2023 ވަނަ އަހަރު ފެބްރުއަރީ މަހުގައެވެ. އެ މައްސަލަތަކަކީ 2009 އިން 2023 ވަނަ އަހަރާ ދެމެދު ހިންގާފައިވާ ކަންކަމުގެ މައްސަލަތަކެކެވެ.

ޕްރިމިއާ ލީގުން ބުނެފައި ވަނީ އެކަމުގެ ތަފްސީލު އަދި ހާމަކުރެވެން ނެތް ކަމަށާއި، އެކަމުގައި ވަކި އެއްޗެއް އަދި ބުނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާގެ ބައެއް ބޮޑެތި ނޫސްތަކުންވެސް ވަނީ ސިޓީގެ މައްޗަށް އެއް މައްސަލަތައް ސާބިތުވެފައިވާކަމަށް ޔަގީން ކޮށްދީފައެވެ.

އެ މައްސަލައިގައި ސިޓީގެ ފަރާތުން މިއަދު ބުނެފައި ވަނީ އެ މައްސަލަ ބަލަމުންދާ މިނިވަން ކޮމިޝަނާއި ޕްރިމިއާ ލީގުން އަދި ވަކިގޮތެއް ނުނިންމާ އޮތުމުން، އެކަމުގައި ރަސްމީ ބަހެއް ބުނެވެން ނެތް ކަމަށެވެ. ސިޓީން އިތުރަށް ބުނީ މިނިވަން ކޮމިޝަނުގެ ތަހުގީގަށް އެ ކްލަބުން ފުރިހަމައަށް އެއްބާރުލުން ދިން ކަމަށާއި، އެކަމުގެ ޑިއު ޕްރޮސެސްއަށް އިހުތިރާމުވެސް ކޮށްފައިވާނެ ކަމަށެވެ.

ސިޓީގެ މައްޗަށް ބަލަން ފެށި މައްސަލަތަކުގެ ތެރޭގައި 2009-10 ވަނަ އަހަރު ސީޒަނުން ފެށިގެން 2017-18 ވަނަ އަހަރު ސީޒަނާ ހަމައަށް ފައިސާގެ ތަފްސީލުތައް އެކަށީގެންވާ ގޮތެއްގައި ހާމަނުކުރުންވެސް ހިމެނެއެވެ. އެގޮތުން އެ ކްލަބަށްވާ ފައިދާގެ އަދަދު އޮޅުވާލިކަމަށް ތުހުމަތު ކޮށްފައިވެއެވެ. އެއީ ސްޕޮންސާއާއި ކްލަބުގެ ހަރަދުތަކުގެ ތަފްސީލުތަކެވެ.

އެ މައްސަލައިގައި ޕްރިމިއާ ލީގުގެ ގާނޫނީ ޓީމަކީ އެޑަމް ލެވިސް ކޭސީއެވެ. ސިޓީގެ ދިފާއުގައި މަސައްކަތްކުރި ގާނޫނީ ވަކީލަކީ ޑޭވިޑް ޕެނިކެވެ.

ސިޓީއަށް އެ މައްސަލަތަކުގައި މީގެ ކުރިން ދެ އަހަރަށް ޗެމްޕިއަންސް ލީގުން ބޭން ކުރަން 2020 ވަނަ އަހަރު ނިންމާފައިވެއެވެ. އެއީ 2012 ވަނަ އަހަރުން 2016 ވަނަ އަހަރު ސްޕޮންސާޝިޕް ފައިސާ ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ހޯދާފައިވުމުންނެވެ. އެހެން ނަމަވެސް ސިޓީން ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި އިސްތިއުނާފުކޮށް، ކާމިޔާބުކޮށްފައެވެ.

ސިޓީ މިހާރު ހިންގަމުން ދަނީ ޝެއިހް މަންސޫރުގެ އަބޫ ދާބީ ޔުނައިޓެޑް ގްރޫޕުންނެވެ. އޭނާ ސިޓީ ގަތީ 2008 ވަނަ އަހަރުއެވެ.

ހަބަރުތައް ބުނީ ސިޓީއަށް އަޅާނެ ފިޔަވަޅަކަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި، ޕޮއިންޓް އުނިކުރުން، ޖޫރިމަނާ ކުރުން ނޫނީ ލީގުން ބޭރު ކުރުމަކީވެސް ސިޓީއަށް ދީފާނެ އަދަބެއް ކަމަށެވެ. ސާބިތުވި މައްސަލަތަކުގައި ސިޓީން އިސްތިއުނާފުކުރަން މަސައްކަތް ފަށާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.