ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަންއުޅުނު ތިންކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މީގެކުރިން ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ މީހެކެވެ. އެއީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ދިވެއްސަަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހޯދަޑު. ކުމެރީގެ، ޏ. ފުވައްމުލައް، އަބްދުﷲ އިބްރާހީމްކަމަށް ފުލުހުން ބުންޏެވެ.

އިންޑިއާ ދެ މީހުން ހައްޔަރުކޮށްފައިވަނީ، މި މަހު 22 ވަނަ ދުވަހު އެ ދެ މީހުން ރާއްޖެ އައިއިރު ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.

ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންއާއި، ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައިކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ އިބްރާހީމް 15 ދުވަހަށް އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.