ފަލަސްތީނުގެ ގައްޒާ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އިޒްރޭލާ ދެކޮޅަށް ނޭޝަންސް ލީގު މެޗުތައް ކުޅެން އަޔަލެންޑްގެ ކުޅުންތެރިން ބޭނުންނުވާ ކަމަށް އެޓީމުގެ ޖޭސަން ނައިޓް ބުނެފިއެވެ.
އަޔަލެންޑަކީ އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑުއުފުލަމުންދާ އެއް ގައުމެވެ. އިޒްރޭލުން ފަލަސްތީނުގެ އެތައް އާންމުންނެއް ޝަހީދުކުރަމުންދާ އިރު، އެތައް ކުޅިވަރު އެތުލީޓުންތަކެއްވެސް އިޒްރޭލުގެ ނިރުބަވެރި ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ކުޅުންތެރިންވެސް ހިމެނެއެވެ. އެހާލަތަށް ކަންކަން ގޮސްފައި އޮތް ނަމަވެސް ފީފާއިން އަދިވެސް އިޒްރޭލް ފުޓުބޯޅައިން ބޭރުކޮށްފައެއް ނުވެއެވެ.
ނޭޝަންސް ލީގުގައި އަޔަލެންޑާއި އިޒްރޭލުން އެއް ގްރޫޕެއްގައި ކުޅެމުންދާ އިރު، ދެޓީމުން ކުޅޭ ދެމެޗުވެސް ކުޅެން ނިންމާފައި ވަނީ ނިއުޓްރަލް ދަނޑުތަކުގައެވެ. އެއީ ހަންގޭރީގެ ޑެބްރެކެންއާއި ސާބިއާގެ ޓޮޕޮލާގައެވެ.
އެމެޗުތައް މިހާތަނަށްވެފައި ވަނީ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުންދާ މެޗުތަކަށެވެ. އަޔަލެންޑްގެ އެތައް ރައްޔިތުންނެއް އެދެމުން ދަނީ އެ މެޗު ބޮއިކޮޓް ކުރުމަށެވެ. އަދި އެމެޗު ހުއްޓުވުމަށް އަޑުއުފުލަމުންވެސް ދެއެވެ. އަދި އަޔަލެންޑްގެ ކޯޗު ހެއިމިރް ހަލްގްރިމްސަން ބުނީ މެޗުތައް ކުޅެނީ މަޖުބޫރު ހާލަތުގައި އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ކަމަށެވެ. ދެ މެޗަށްވެސް އޮތް އަޒުމަކީ އެކަމުގައި އިޒްރޭލާ ދެކޮޅަށް ބަސް ބުނުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އެކަމުގައި އިޒްރޭލުގެ ފަރާތްތަކުން ނުރުހުން ފާޅުކުރުމުން ކޯޗުގެ ދިފާއުގައި އަޔަލެންޑް ބޮޑުވަޒީރު މިޝޭލް މާޓިން ވަނީ ވާހަކަވެސް ދައްކަވައިފައެވެ.
"މިއީ އުނދަގޫ ހާލަތެއް. ކޯޗުގެ އިތުރުން އެއްވެސް ކުޅުންތެރިޔަކުވެސް ނުދެކޭ މިއީ ކުޅެން ޖެހޭނެ މެޗުތަކެއް ކަމަކަށް. މިއީ ތާވަލުގައި އޮވެގެން ވާނެ މެޗެއްވެސް ނޫން. އެކަމަކުވެސް މިހާރު އޮތް ގޮތުން އެމެޗުތައް ކުޅެން ޖެހޭ، މަޖުބޫރު،" ކޮސޯވޯ މެޗަށްފަހު އިނގިރޭސި ދެވަނަ ޑިވިޝަނުގެ ބްރިސްޓަލް ސިޓީއަށް ކުޅެމުންދާ ނައިޓް ބުންޏެވެ.
ނައިޓް ބުނީ މެޗާ ދޭތެރޭ ސަޕޯޓަރުން ދެކޭ ދެކުން ރަނގަޅު ކަމަށާއި، އެކަމަށް ފޯކަސް ކުރަން ކުޅުންތެރިންނާ ޖެހުން އެއީ ޗެލެންޖެއް ކަމަށެވެ. އަދި ސަޕޯޓަރުން ނުވައްދާ ހޯމް މެޗު ކުޅެން ޖެހުމުންވެސް އެމެޗަކީ ކުޅެގެންވާނެ މެޗެއް ނޫންކަން އެނގޭ ކަމަށް ނައިޓް ބުންޏެވެ.
ނައިޓް ބުނީ އޭނާ ދެކޭ ދެކުން އެއީ ހުރިހާ ކުޅުންތެރިންވެސް ދެކޭ ދެކުން ކަމަށާއި، އެކަން އަދި ރަސްމީކޮށް ހާމަނުކުރި ނަމަވެސް، އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗަކީ ކުޅެވެން ޖެހޭ މެޗެއް ނޫންކަން ހުރިހާ ކުޅުންތެރިންވެސް އެއްބަސްވާ ކަމަށެވެ.
ނައިޓަކީ އިޒްރޭލާ ދެކޮޅަށް އަޔަލެންޑުން ކުޅޭ މެޗުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލި ފުރަތަމަ ކުޅުންތެރިޔާއެެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ކޮމެންޓް