އިންޑިއާ ފުޓުބޯޅައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަދިވެސް ފުޓުބޯޅައިގެ ސަގާފަތެއް އެގައުމުގައި ނެތުން ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ބްރެޒިލުން އިންޑިއާގައި އެކުވެރިކަމުގެ މެޗެއް ކުޅެން ތައްޔާރުވަމުންދާ އިރު، އެމެޗު އޮންނާނީ އޮކްޓޯބަރު ތިންވަނަ ދުވަހު ކަލްކަތާގައެވެ. އެމެޗު ވެގެންދާނީ އިންޑިއާ ފުޓުބޯޅަ ތާރީހުގައިވެސް އެގައުމުގައި ކުޅެވޭ އެންމެ ބޮޑު މެޗަށެވެ. މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ހޯދާފައިވާ ބްރެޒިލަކީ މިހާރުވެސް ފީފާ ރޭންކިންގެ ގަދަ 10 ގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

އިންޑިއާއިން ބްރެޒިލްގެ އިތުރުން އުރުގުއާއީ އަދި ޕެނަމާއާ ދެކޮޅަށްވެސް މިފަހަރުގެ އިންޓަނޭޝަން ބްރޭކްގައި ކުޅޭނެއެވެ.

"އަހަންނަށް ހީވާގޮތުގައި އިންޑިއާގެ މައްސަލައަކީ އަދިވެސް ފުޓުބޯޅަ ސަގާފަތެއް ނެތުން. އެހެން ކުޅިވަރުތަކުގައި އިންޑިއާ ދަނީ ރަނގަޅަށް ކާމިޔާބީތައް ހޯދަމުން. އިންޑިއާއަށް ފުޓުބޯޅައިގައި ކުރިއަށްދާން އަންނަން އޮތް ޖީލަށް ސަމާލުކަން ބޮޑުކުރަން ޖެހޭ. ޒުވާން ކުޅުންތެރިން އުފައްދަން މަސައްކަތް ކުރަން ޖެހޭ،" އުމުރުން 67 ގެ ތަޖުރިބާކާރު ކޯޗު އެންޗެލޮޓީ ބުންޏެވެ.

ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކޯޗު އެންޗެލޮޓީ ބުނީ ތަފާތު ސްޓައިލްތަކުގެ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ މުހިއްމު ކަމެއް ކަމަށައި، އިންޑިއާއާ ދެކޮޅަށް ކުޅުމަކީ ޝައުގުވެރިވާނެ ކަމެއް ކަމަށެވެ. އެންޗެލޮޓީ އިތުރަށް ބުނީ އިންޑިއާއަކީ އެހާ ތަޖުރިބާ ބޮޑު ގައުމެއް ނޫން ނަމަވެސް މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށެވެ. އަދި ބްރެޒިލަށް "އެއްވެސް އެކުވެރިކަމުގެ މެޗަކީ އެކުވެރިކަމުގެ މެޗެއް ގޮތުގައި ބެލޭނެ މެޗެއް ނޫން،" ކަމަށް އެންޗެލޮޓީ ފާހަގަކުރިއެވެ.