މިހާރު ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތުން އަވަހަށް ކުރިއެރުން ހޯދަން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ރަނގަޅެއް ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ރާއްޖެއިން އިއްޔެ ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގައި ޗައިނާ ކައިރިން ބަލިވީ 3-0 އިންނެވެ. އޭގެ ކުރިންވެސް ރާއްޖޭން ޗައިނާއާ ދެކޮޅަށް ކުޅެފައިވާ ހަ މެޗުންވެސް ބަލިވެފައިވާ އިރު، ރޭގެ ކުރިން އެންމެފަހުން 2021 ވަނަ އަހަރު ކުޅުނު މެޗުން ރާއްޖެ ބަލިވެފައި އޮތީ 5-0 އިންނެވެ. މިދިޔަ ދެތިން އަހަރު ރާއްޖޭގެ ފުޓުބޯޅަ އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް، ރޭގެ މެޗުގައި ރަނގަޅު ކަންތައްތަކެއް ފެނުނު ކަމަށް ކޯޗު އުރުބާނީ ފާހަގަކުރިއެވެ.

ރާއްޖޭން މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ފުރަތަމަ ކުޅެން އޮތީ ކިރިގިސްތާނާއާއި ލުބުނާނާ އެކަންޏެވެ. އެއީ ކިރިގިސްތާނުގައެވެ. އެހެން ނަމަވެސް ފަހުވަގުތު ޗައިނާގެ ދައުވަތަކަށް ރާއްޖޭން އެގައުމަށް ގޮސް މެޗެއް ކުޅެފައިވާ އިރު، އެއީ ހެދުނު ގޯހެއް ނޫން ކަމަށް އުރުބާނީ ބުންޏެވެ.

"ޗައިނާ މެޗުގައި ކުޅުމަކީ ރިގްރެޓް ކުރާ ކަމެއް ނޫން. އެއީ އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެ އަވަހަށް ކުރިއަރާނީ ވަރުގަދަ ޓީމުތަކާ ކުޅެގެން. ޗައިނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ރަނގަޅު ފުރުސަތެއް. އަހަރެމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް ޕާފޯމް ކުރި. އެހެން ނަމަވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން ހުރިކަމަށް ގަބޫލުވެސް ކުރަން،" އުރުބާނީ ބުންޏެވެ.

ޗައިނާ ނޫސްތަކުން ބުނެފައިވާ ގޮތުގައި މެޗަށްފަހު އުރުބާނީ ވަނީ ފުރަތަމަ ހާފުގައި ޗައިނާއާއި ރާއްޖޭގެ އޮގަނައިޒް ކުޅުން ފާހަގަކޮށްފައެވެ. އަދި ބޯޅަ ނެތި މެޗުގެ ކޮންޓްރޯލް ހިފަހައްޓަން ދަސްކުރަން ޖެހޭ ކަމަށާއި، މެޗުން ފެނިގެން ދިޔައީ ރާއްޖެއާއި ޗައިނާގެ ފަރަގުކަން އުރުބާނީ ފާހަގަކޮށްފައިވެއެވެ.

"ޔަގީނުންވެސް އަހަރެމެން މިކިޔަނީ ދެ ފެންވަރެއްގެ ދެ ޓީމު ވާހަކަ. ޗައިނާއަކީ މިހާރުވެސް އޭޝިއާ ފެންވަރުގެ ޓީމެއް. ޗައިނާގައި އެބަތިބި ޒުވާން ތަރިންވެސް. ފާހަގަކުރެވޭ ރާއްޖޭގައިވެސް އެބަތިބި ރަނގަޅު ކުޅުންތެރިން. އެހެންވީމަ ރާއްޖޭގެ ފެންވަރުވެސް ކުރިއަށް ޖައްސަން މި މަސައްކަތް ކުރަނީ،" އުރުބާނީ ބުންޏެވެ.

މިފަހަރު އިންޓަނޭޝަނަލް ބްރޭކަކީ ރާއްޖޭންވެސް ދެގައުމަކަށް ދަތުރުކޮށްގެން ކުޅޭ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކެވެ. ރާއްޖޭން ދެން ކިރިގިސްތާނާއި ލުބުނާނާ ދެކޮޅަށް ކުޅޭނީ ކިރިގިސްތާނުގެ ބިޝްކެކްގައެވެ.