ރާއްޖޭގެ ގައުމީ ބަހަކީ ދިވެހިބަސްކަމަށް ގާނޫނު އަސާސީގެ 11ވަނަ މާއްދާގައި ބަޔާންކޮށްފައި ވާތީއާއި، ރާއްޖޭގެ ގައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސްކަމަށް ވުމާ އެކު، ދިވެހި ދައުލަތުގެ ރަސްމީ ހުރިހާ މުއާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުންކަމަށް ދިވެހިބަހުގެ އެކަޑަމީން ބުނެފިއެވެ.

ދިވެހިބަހުގެ އެކަޑަމީން މިއަދުކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ ގާއުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެ ކަމަށެވެ.

އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ދިވެހިބަހުގެ އެކަޑަމީން ބުންޏެވެ.

ގާނޫނެއްގައި، ވަކިގޮތަކަށް އަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ، އެއީ، އެ ގާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމަށް މާނަކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ދިވެހިބަހުގެ އެކަޑަމީން ބުންޏެވެ.

ނަމަވެސް، މިއާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަން ފާހަގަވެފައިވާތީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް، ރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލުކުރަންޖެހޭނެކަމަށް ދިވެހިބަހުގެ އެކަޑަމީން ބުންޏެވެ.