ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކަސްޓަމްސްގެ ޒިންމާތަކަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްއަކީ ސައްތައިން ސައްތަ ގާނޫނު ތަންފީޒު ކުރާ މުއައްސަސާއަކަށް ބަދަލުކުރުމަށްޓަކައި ކަސްޓަމްސްގެ ޒިންމާތަކަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި، ފައިސާއާ ގުޅޭ ކަންކަން މިހާރު ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ މިންގަނޑުތަކަށް ބަދަލުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކަސްޓަމްސްގެ ސަތޭކަ އިންސައްތަ ފޯކަސް ގާނޫނު ތަންފީޒު ކުރުމަށާއި ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަދަލުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ބަދަލެއް. ޒަމާނީ ތަރައްގީއާ އެކުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ މުއައްސަސާތަކުގައި މި ދެ ޒިންމާ އޮފްބެލެންސް ކުރޭ. ސަބަބަކީ އެއްބަޔަކު އަނެއް ބަޔަކަށް އެކައުންޓަބަލް ކުރުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މީގެ ތަފްސީލުތައް ވަރަށް އަވަހަށް ކަސްޓަމްސްގެ މުވައްޒަފުންނަށް ހިއްސާކުރާނަން. އަދި ގާނޫނުގައި އަންނަ ބަދަލުތައް އަޅުގަނޑުމެން ދާނީ ދިރާސާ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ތިން އަހަރު ގާނޫނު ތަންފީޒު ކުރުމުގައި ކަސްޓަމްސްއިން ނެރުނު ނަތީޖާތައް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތުމުގައި ކުރީގެ އަހަރުތަކާ އަޅައި ބަލާއިރު 35 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ހިންގަމުންދާ ކަމަށާއި އިންޓެލިޖެންސަށް ބިނާކޮށް އޮޕަރޭޝަންތައް ހިންގުމަކީ ގާނޫނު ތަންފީޒުކުރާ ޒަމާނީ އިދާރާއެއްގެ ސިފަތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކަސްޓަމްސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ޑްރޯން އަދި ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ޑްރޯންގެ ސަބަބުން އާންމުކޮށް ވާސިލުވާން ދަތި ސަރަހައްދުތަކާއި ކަނޑުމަތީގެ އޮޕަރޭޝަންތައް އަވަހަށް މޮނިޓާކޮށް، އިންޓެލިޖެންސް މައުލޫމާތު އެއްކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ބޮޑީވޯން ކެމެރާއަކީ މުވައްޒަފުންގެ އިންޓެގްރިޓީ ހިފެހެއްޓުމަށާއި ރައްޔިތުންނާ މުއާމަލާތު ކުރާ ވަގުތުތަކުގައާއި އޮޕަރޭޝަންތަކުގައި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.