ކަސްޓަމްސް މެދުވެރިކޮށް ލިބޭ އާމްދަނީ ބަލައިގަތުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ކަސްޓަމްސްގެ އާމްދަނީ ހޯދުމުގެ މަަސައްކަތް ފިނޭންސް މިނިސްޓްރީއަަށް ބަދަލުކުރުމަށް، ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ ބަލައިގަތުމާއި، ހޯދުމާއި، ހިސާބު ކުރުމާއި، ރިޕޯޓުކުރުމުގެ ކަންކަން ހިންގަނީ ދައުލަތުގެ ފިސްކަލް ޕޮލިސީއާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރު ކުރުމުގެ ގޮތުން، ކަސްޓަމްސްގެ ގަވާއިދު އެކުލަވާލުމުގައާއި ކަމާގުޅޭ އިރުޝަދުތަކާއި ސާކިއުލާތައް ނެރުމުގައި މާލީ ކަންކަން ހިންގުމާބެހޭ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީގެ ދައުރު ގާނޫނުގައި ކަނޑައެޅުމަށްޓަކައި ބުނެވިދިޔަ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

ކަސްޓަމްސް މެދުވެރިކޮށް ލިބޭ އާމްދަނީ ބަލައިގަތުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ކަސްޓަމްސްގެ އާމްދަނީ ހޯދުމުގެ މަަސައްކަތް މާލީ ވުޒާރާއަށް ބަދަލުކުރުމަށް، ކަސްޓަމްސްގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ބިލުގައިވާގޮތުން ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ބަޖެޓު ހުށަހަޅަންވާނީ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ ލަފާގެ މަތިންކަމަށް ވެސް ބުނެފައިވެއެވެ. އަދި މުދަލުގެ އަގު ކަނޑައެޅުމުގެ ގަވާއިދު ހުށަހެޅުމުގައި، ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

އިމްޕޯޓް ޑިއުޓީ އާއި އެ ނޫންވެސް ފީތައް ބަލައިގަތުމާއި، އިމްޕޯޓް ޑިއުޓީ އާއި އެ ނޫން ފީތައް ދެއްކުމުގައި އިސްނިސްނާ ނުވަތަ ލުއިދިނުމާއި، ފީ އާއި އާމްދަނީގެ ފައިސާގެ ތެރެއިން ދައްކަން ޖެހި ނުދައްކާވާ ފައިސާ ދެނެގަތުމުގައި މިނިސްޓްރީގެ ލަފާ ހޯދަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.