މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތަރައްގީކުރާ ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަސްޓަމްސް މުވައްޒަފުން ކުރަމުންދާ ނާޒުކު އަދި މުހިންމު މަސައްކަތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބަލައިގަންނަވާ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން ދަތިތަކެއް ހުރި ނަމަވެސް، މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މުސާރައިގެ އޮނިގަނޑަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ބޯހިޔާވަހިކަމުގެ ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި އެގޮތުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ތަރައްގީ ކުރާ ފްލެޓަށް ބޭނުންވާ ބިން ހުޅުމާލޭގައި ހަމަޖައްސާފައިވާ ކަމަށެވެ.

"ކަސްޓަމްސްގެ މުވައްޒަފުންނަށް އެލޮކޭޓް ކުރެވިފައި އޮތް ސަރަހައްދެއް އެބަ އޮވޭ ހުޅުމާލޭގައި. އެތަނުގައި ފްލެޓްތައް އެޅިި ތިބޭފުޅުންގެ ބޯހިޔާވަހިކަމަށް، ހާއްސަކޮށް ވަޒީފާގައި ތިއްބެވި ބޭފުޅުން ވަރަށް ލުކް ފޯވާޑް ކުރާނެ ކަމެއް އެތަނުގައި ބޯހިޔާވަހިކަން ލިބިގެން ދިއުމަކީ. އަންނަ އަހަރަކީ އެތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރު، އަޅުގަނޑުމެން މި ބަލަނީ ފުރަތަމަ ކުއާޓަރު ތެރޭގައި، އެތަނުގެ އަމަލީ މަސައްކަތްތައް މާނައަކީ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެއްޓޭ ވަރަށް އެތަނުގެ މަސައްކަތްތައް ބައްޓަން ކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތަރައްގީ ކުރަނީ 100 ފްލެޓެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 85 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 15 އެޕާޓްމަންޓެވެ.