ބިންވެރިޔާ ސްކީމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މުހައްމަދު ޒާހިދަށް ހުޅުމާލެއިން ދޫކުރި ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ބާތިލުކުރި މައްސަލައިގައި، އެ ގޯތި އެހެން މީހަކަށް ދިނުން ނުވަތަ ވިއްކުން ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
އެ މައްސަލައިގައި ޒާހިދު ވަނީ ސިވިލް ކޯޓުގައި ހައުސިން މިނިސްޓްރީގެ މައްޗަށް ދައުވާކޮށްފައެވެ.
އެ ދައުވާގައި ޒާހިދު ބުނެފައި ވަނީ އޭނާއަށް ދޫކުރި ގޯތި މިނިސްޓްރީން ބާތިލުކޮށްފައި ވަނީ ފޯމާ އެކު އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ކަމަށެވެ. އެގޮތުން ގޯތި ދިން އެއްބަސްވުން މިނިސްޓްރީން ބާތިލު ކޮށްފައިވަނީ ބިންވެރިޔާ ސްކީމުގެ އުސޫލާއި، ގާނޫނުއަަސާސީގެ 40 ވަނަ މައްދާގެ (ށ) އަދި ސުޕްރީމް ކޯޓުގެ ނިންމުމަކާއި ގާނޫނީ މަސްދަރުތަކާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ގޯތީގެ ރަޖިސްޓްރީ އަދި އެއްބަސްވުން ބާތިލު ކުރުން ގޯސްކަމަށް ކަނޑައެޅުމަށާއި، އެ ގޯތީގެ ވެރިފަރާތަކީ ޒާހިދު ކަމަށް ކަނޑައަޅައި ހައުސިން މިނިސްޓްރީގެ ނިންމުމުގެ ސަބަބުން ޒާހިދަށް ލިބުނު ގެއްލުމަށް މިނިސްޓްރީން ޒިންމާވާން ޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް މި ދައުވާގައި ސޒާހިދު ވަނީ އެދިފައެވެ. އަދި ދައުވާ ފޯމުގައި ކަނޑައަޅާފައިވާ އިތުރު ފަރުވާތައް ހޯދުމަށް ވެސް ހުށަހަޅާފައިވެއެވެ.
އެހެން ކަމުން މި މައްސަލައަށް ވަކި ގޮތެއް ނިމެންދެން ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ކޯޓުގައި ޒާހިދު އެދުނެވެ.
އެގޮތުން އެ ގޯތި ތިންވަނަ ފަރާތަކަށް ދީފި ނަމަ ނުވަތަ ވިއްކައިފިނަމަ ނުވަތަ އެނޫންވެސް ތިންވަނަ ފަރާތެއްގެ ހައްގެއް ބިމުގެ މައްޗަށް އުފަން ކުރުވައިފިނަމަ، ޒާހިދު ހުށަހަޅާފައިވާ އަސާސީ ދައުވާގައިވާ ފަރުވާ ނުލިބުމުގެ އިހްތިމާލް އޮތް ކަމަށް ވަގުތީ އަމުރަށް އެދެމުން ޒާހިދު ވަނީ ބުނެފައެވެ.
އެ ގޯތި ވިއްކުމާއި ދިނުން އަދި އެހެންވެސް ގޮތަކުން ބިމުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެ އެއްވެސްކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް އިންފްރާންސްތްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ މައްޗަށް އަންގައި އަދި އެފަދަ ކަމެއް ކުރަން އުޅޭ ނަމަ އެކަން ހުއްޓާލުމަށް އެ މިނިސްޓްރީއަށް އަންގައި އަމުރުކޮށްދިނުމަށްވެސް ޒާހިދު ވަނީ އެދިފައެވެ.
އެ މައްސަލައަށް ރައްދުދެމުން ދއުލަތުން ކޯޓުގައި ބުނެފައިވަނީ ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެން ބިން ހޯދި ކަމަށް ދައުލަތުން ނުބުނާ ކަމަށާއި ރަށްވެހިކަމާ ގުޅޭ މައުލޫއީ ހަގީގަތެއްގެ ސަބަބުން ގޯތި ލިބުމުގެ އަސާސީ ޝަރުތު ޒާހިދުގެ ހަމަ ނުވަނީ ކަމަށެވެ. އެއީ މާލެއަށް އުފަން މީހުންނަށް ދޫކުރި ގޯތިތަކެއް ކަމަށް ވާއިރު ޒާހިދަކީ އަދި މައިންބަފައިންނަކީ ވެސް އެ ޝަރުތު ފުރިހަމަ ނުވާ މީހުންކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި ޒާހިދަށް ގޯތި ދީފައި އޮތީ އެކަން އެނގޭ ހާލަތުގައި އުސޫލާ ހިލާފަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެހެންވެ ހުޅުމާލޭގެ ބިމުގެ މައްޗަށް ޒާހިދަށް އެއްވެސް ހައްގެއް އަދި މިލްކުވެރިކަމެއް ވެސް ނެތް ކަމަށް ދައުލަތުން ބުންޏެވެ. ޒާހިދުގެ އަސްލު ރަށަކީ ހއ. ހަތިފުއްޓެވެ. އެ ރަށު މީހުން ފަހުން ވަނީ ހދ. ހަނިމާދުއަށް ބަދަލުކޮށްފައެވެ.
އެކަމަކު ޒާހިދުގެ ރަޖިސްޓްރީ މިހާރު އޮތީ މާލޭ ދަފްތަރުގަ އެވެ.
މި މައްސަލައިގެ ވަގުތީ އަމުރާބެހޭގޮތުން ސިވިލް ކޯޓުން ބުނެފައި ވަނީ ދައުވާއާ ގުޅިގެން ކަނޑައަޅަން ޖެހޭ ކަންކަން ބިނާވެފައި ވަނީ ގޯއްޗެއް އޭގެ ޒާތުގައި އައްޔަންވެ ލިބިފައި އޮތް އޮތުމާއި އެ ބިން ދިނުން ބާތިލު ކުރުމުގެ މައްޗަށް ކަމަށެވެ.
އެހެންކަމުން ޒާހިދު އެދޭ ވަގުތީ އަމުރު ނެރެން ޖެހޭ ހާލަތު އޮތް ކަމަށް ކޯޓުން ގަބޫލުކުރާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ޒާހިދުގެ ނަންމަތީގައި އޮތް ގޯތި ވިއްކުމާއި ދިނުމާއި އަދި އެހެން ވެސް ގޮތަކުން އެ ބިމުގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަން ވެދާނެ އެއްވެސް ކަމެއް، ނުކުރުމަށް ހައުސިން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ގޯތިގެދޮރު
ގޯތިގެދޮރު
ކޮމެންޓް