ކައިވެނިކޮށްގެން ތިބޭއިރު ސޯޝަލް ހައުސިން އިން ލިބޭ ނުވަތަ ދެމަފިރިން ގަންނަ ފްލެޓާއި ގޯއްޗަށް ވަކި މީހަކަށް މިލްކުވެރިކަން އޮތުމުގެ ބަދަލުގައި، ވަރިވުމަށް ފަހު ވެސް ދެ މީހުންގެ ހައްގު އޮންނާނެ ގޮތަށް ހަދަން އާއިިލާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ދެމަފިރިންނަށް ދޫކުރާ ފުލެޓާއި ގޯތި ފަދަ މުދަލަކީ އާއިލާއަކަށް ދޭ ބޯހިޔާވަހިކަމަކަށް ވީނަމަވެސް، ފުލެޓު ރަޖިސްޓްރީ ކުރެވެނީ ހުށަހެޅި މީހާގެ ނަމުގައި އެކަނި ކަމަށް އޮތުމުން ދެމަފިރިން ވަކިވާ ހާލަތްތަކުގައި އަނެއް މީހާއަށާއި މުޅި އާއިލާއަށް ބޮޑެތި ނިކަމެތިކަން ލިބެ އެވެ.

އާއިލާއާ ބެހޭ ގާނޫނުގައި ވަރިވުމުން މުދާ ބަހާނެ ގޮތް އޮތް ނަމަވެސް، މިފަދަ ސްކީމްތަކުން ލިބޭ މުދަލާ މެދު އަމަލުކުރާނެ ސާފު އުސޫލެއް ނޯވެއެވެ. އާންމުކޮށް މިކަމުގައި ހިމެނޭ ބޭއިންސާފު ކަންތައްތައް ތަހައްމަލު ކުރަން ޖެހެނީ، އަންހެނުންނަށެވެ.

ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުންވެސް އެކަންކަން ހާމަވެއެވެ.

ފުލެޓާއި ގޯތި ދޭން ބަލާ ޝަރުތުތަކުގެ ތެރޭގައި ކައިވެންޏެއް ކޮށްގެން އުޅުމާއި ދަރިން ތިބުން ހިމެނެ އެވެ. ޝޯޝަލް ހައުސިންގެ މިފަދަ ގިނަ ސްކީމްތަކުގެ ޝަރުތުތަކަށް ބަލާއިރު، ދެމަފިރިންގެ ތެރެއިން ފުލެޓަށް އެދި ހުށަހެޅޭނީ އެކަކަށެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތުމަކީ ވެސް ޝަރުތުކޮށްފައި އޮންނަ ކަމެކެވެ.

އެކަމަށް ހައްލެއް ހޯދަން އާއިލާއާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ މަގުސަދަކީ ދައުލަތުން ދޭ ފުލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ، އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާ ގޮތަށް ބެލެހެއްޓޭ މުދަލަކަށް ހެދުމެވެ.

މި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ ހައުސިން ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ބިމަކީ، ކައިވެނިކޮށްގެން ތިބި މުއްދަތުގައި ލިބިފައިވާ ތަނެއް ކަމުގައިވާ ނަމަ، ދެމަފިރިންގެ ތެރެއިން ކޮންމެ މީހެއްގެ ނަމުގައި އެ ތަނެއް ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، އެއީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮތް ތަނެއްގެ ގޮތުގައި ބަލަން ވާނެ ކަމަށެވެ.

މިގޮތުން އެ ކައިވެންޏަށް ލިބިފައިވާ ދަރިންގެ އިތުރުން، ކައިވެނީގެ ބައިވެރިންގެ ތެރެއިން އެތަނެއް ރަޖިސްޓަރީ ކުރެވިފައި ނުވާ ފަރާތަށް ވެސް އެތަނުގައި ދިރިއުޅުމާއި ބޭނުންކުރުމުގެ ހައްގު ލިބިގެންވާނެ ކަމަށްވެސް ބުނެފައިވެއެވެ

އެ ނޫން ގޮތަކަށް އެފަދަ ތަނަކާ މެދު އަމަލުކުރެވޭނީ، ކޯޓުގައި ރަޖިސްޓްރީކުރެވިގެން ދެމަފިރިންގެ މެދުގައި، އެއްފަރާތަށް ލިބިފައިވާ ހައްގު ދޫކޮށްލުމަށް ހަދާފައިވާ އެއްބަސްވުމެއް އޮވެގެން، ނުވަތަ ކޯޓުގެ ހުކުމަކުން ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނަށް އަމަލުކުރަން ފަށާއިރު، ބިލުގައިވާ ގޮތުން ދެމަފިރިންނަށް ވީތީ ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބި، ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ތަންތަނާ މެދު ކޯޓަކުން ނުވަތަ ދެމަފިރިންގެ އެއްބަސްވުމަކުން ވަކި ގޮތެއް ނިންމާފައި ނުވާ ނަމަ، އެފަދަ މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވޭ މުދާ ކަމުގައި ބަލަންވާނެ ކަމަށްވެސް ހިމަނާފައިވެއެވެ.

ދެމަފިރިންގެ ނަމުގައި ރަޖިސްޓްރީކުރަން ނުވަތަ ވަކި މީހެއްގެ ނަމުގައި ދެމެހެއްޓުމަށް، ނުވަތަ އަނެކަކުގެ ނަމަށް ބަދަލުކުރުމަށް ނިންމާއިރު، ކައިވެނީގެ ދަރިން ބަލަހައްޓާ ފަރާތަށާއި، އަމިއްލަ ބޯހިޔާވަހިކަމުގެ ތަނަވަސްކަމެއް ނެތް، އަމިއްލަ ނަމުގައި ބިމެއް، ގޯއްޗެއް ނުވަތަ ފުލެޓެއް ވެސް ނެތް މީހެއް ކަމުގައިވާ ނަމަ އެމީހެއްގެ ނަމުގައި އެތަނެއް ރަޖިސްޓްރީކުރުމަށް އިސްކަންދޭން ވާނެ ކަމަަށްވެސް ބުނެފައިވެއެވެ.

ދެމަފިރިންގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ނެތް ނަމަ، ވަރިވުމުގެ މަރުހަލާގައި، އަދި އޭގެ ފަހުން ވެސް، ބައެއް ކަންކަމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް، ކައިވެނީގައި ތިބި ދެމަފިރިންގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެގޮތުން ދެމަފިރިންގެ ނަމުގައި ރަޖިސްޓްރީކުރަން ނުވަތަ އެފަދަ ތަނެއްގައި ދެމަފިރިންގެ ތެރެއިން އެކަކަށް ލިބިފައިވާ ހައްގު އަނެކަކަށް ބަދަލުކުރުމަށް ނުވަތަ އެފަދަ ތަނަކަށް ދައްކަން ޖެހޭ ފައިސާ ނުވަތަ މާލީ ޒިންމާއެއް ދެފަރާތަށް ބެހުމަށް ކޯޓަށް ހުށަހެޅިދާނެ ކަމަށް އިސްލާހުގައިވެއެވެ.