ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް މިއަދު އިންތިހާބު ކޮށްފިއެވެ.

އެ ކޮމިޓީގެ މުގައްރިރަކަށް އޭނާ އިންތިހާބު ކުރީ، މީގެ ކުރިން އެ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ބަދަލުގައި އެ ކޮމިޓީއަށް މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރަކް ހަމަޖައްސުމާ ގުޅިގެން، އެ މަގާމު ހުސް ވުމުންނެވެ.

ކޮމިޓީއަށް މުގައްރިރަކު އިންތިހާބު ކުރުމަށް މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި، މުގައްރިރަކަށް މެންބަރު ޝަރީފްގެ ނަން ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ. ތާއީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.

މުގައްރިރުކަމަށް ޝަރީފް އިންތިހާބު ކުރީ 11 މެންބަރު ހިމެނޭ މި ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުލި 10 މެންބަރުންގެ އިއްތިފާގުންނެވެ.

މުގައްރިރުކަމަށް އިންތިހާބު ކުރުމުން ޝަރީފް ވިދާޅުވީ، ގެދޮރުވެރިކަމާ ބެހޭ ގާނޫނާ އެކު މުހިއްމު ދެ މަަސައްކަތެއް މިހާރު ވެސް ކޮމިޓީގައި އެބަ އޮތް ކަަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު ތަސައްވުރަކީ ރައްޔިތުންގެ ބޯހިޔާވަހި ކަމަށްވުމުން، މެންބަރުންގެ އެހީތެރިކަމާއެކު މަސައްކަތްތައް އެންމެ ބޮޑަށް ބައްޓަން ކުރާނީ ކޮމިޓީގެ މަސައްކަތްތައްއަވަސް ކުރުމަށް ކަަމަށްވެސް ވިދާޅުވިއެވެ.