ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބާ، މަޖިލިސް މެންބަރުން ސުވާލު ކުރައްވަމުން ގެންދެވި އިރު، އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ބެހޭ ސުވާލުތަކަށް ދެއްވި ޖަވާބުތަކެވެ.

އެކަމުގައި ރައްޔތިުންގެ އޮތް ކަންބޮޑުވުން އެނގިވަޑައިގެން މިނިސްޓަރު މިއަދު ވަނީ ރައްޔިތުނަށް ހާއްސަ މެސެޖެއް ދެއްފައިފައެވެ.

މިނިސްޓަރު މި މެސެޖު ދެއްވީ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން އިމްރާން ލަތީފު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ދެހާސް ތޭވީސްވަނަ އަހަރު ފްލެޓާއި ގޯއްޗަށް ހުޅުވައިލި ފުރުސަތުގައި، ފޯޖްކޮށްފައިވާ ޑޮކިއުމެންޓްތައް ބައެއް ފަރާތްތަކުން ހުށަހެޅިކަން ފާހަގަ ކުރައްވައި، މެންބަރު މިނިސްޓަރާ ސުވާލު ކުރެއްވީ، މިފަހަރު ކޮރަޕްޝަންގެ ތެރެއިން ފުރުސަތު ފަހި ނުވާނެ ގޮތަށް ކަންކަން ކުރިއަށް ދާނެކަމުގެ ޔަގީންކަން ދެއްވޭނެތޯއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ސުވާލަށް ޖަވާބުދޭން ލިބިނު ފުރުސަތު ބޭނުން ކުރައްވާނީ، ރައްޔިތުންނަށް ވަރަށް މުހިއްމު މެސެޖެއްދެއްވަން ކަމަށެވެ.

އެ މެސެޖުގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، ފައިސާ ދީގެން، މީހަކަށް ގުޅައިގެން ފްލެޓް ހޯދުމުގެ ފުރުސަތު ނޯންނާނެކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިހާރުވެސް ސްކޭމްތައް ހިންގަމުން ދާ ވާހަކަ، ސަރުކާރުގެ ވެސް ބައެއް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެ މަގާމުގެ ނިވާ ފަތްގަނޑު ބޭނުންކޮށްގެން ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށްޓަކައި އެގޮތަށް މަސައްކަތް ކުރާކަން، އަޅުގަނޑު ހަބަރަކުން ދެކުނިން ގާޒީންވެސް އޭގައި ޖެހިފަ އޮތް ވާހަކަ،"

މިނިސްޓަރު ތަކުރާރު ކުރައްވަމުން ވިދާޅުވީ، ފައިސާ ދީގެން ގޯއްޗެއް، ފްލެޓެއްވެސް ނުލިބޭނެ ކަމަށެވެ.

އެހެންކަމުން އެފަދަ ސްކޭމްތަކުގައި ނުޖެހުމަށް މިނިސްޓަރު ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކި ގޮތް ގޮތަށް ވާހަތައް ދެކެވުނު ނަމަވެސް ފްލެޓާއިި ގޯތި ދިނުމުގެ ކަންތައް ކުރިއަށް ގެންދާނީ، އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"ފައިސާއިން އެކަންތައްތައް ވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެޕްލިކޭޝަން ޕްރޮސެސް އެއް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމެއްނެތް، އެހެންވީމަ ހަމަ އާދޭހާއެކު މި ދަންނަވަނީ އެެއްވެސް މީހަކު ފައިސާ ހުށަހެޅިއަކަސް، ފައިސާއަށް ގޯތި ދޭނަމޭ ނުވަތަ ފްލެޓް ދޭނަމޭ ހުށަހެޅިއަކަސް، އޭގަ ޖެހިވަޑަިނުގަންނަވާށޭ، ނުލިބޭނެއޭ، ވަރަށްގިނަ ފަރާތްތަކަށް އެލަނޑު ލިބިފަ ހުރީ، އެތައްލައްކަ ރުފިޔާ ހަރަދުކޮށްފަ، އެއީ ފައިދާ ވެގެންވާނެ ކަމެއްވެސްނޫން، އެކަމަކުން ފައިދާ ވެފައެއްްވެސް ނޯންނާނެ،"

މިނިސްޓަރު މިއަދު މިހެން ވިދާޅުވި އިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިފަހުން ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

ފުލުހުން ބުނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި ހިމެނެނީ ކާކު ކަމެއް ފުލުހުން ނުބުނެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީން އެވެ. އޭގެތެރޭގައި ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި ފަނޑިޔާރުންތަކަކާއި އަދި އާންމުން ވެސް ހިމެނެއެވެ.