ޖަޕާނުގެ އައިޗީއާއި ނަގޯޔާގައި ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، 20 ވަނަ އޭޝިއަން ގޭމްސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އޭޝިއަން ގޭމްސް ނިންމާލުމަށް ރޭ މިޒޫހޯ ޕާކްގައި ބޭއްވި ހާއްސަ އިވެންޓްގައި ޖަޕާނުގެ ސަހާފަތާއި ތާރީހު ފެނިގެން ދިޔައެވެ. އަދި އިވެންޓް ނިމިގެންދިޔައީ ކުލަގަދަ، ފޯރިގަދަ ހަރަކާތްތަކަކާއެކުގައެވެ. މިފަހަރުގެ އޭޝިއަން ގޭމްސް 16 ދުވަހަށް ދެމިގެން ގޮސްފައިވާ އިރު، ރޭގެ އިވެންޓްގައި 2030 ވަނަ އަހަރު އޭޝިއަން ގޭމްސް ބާއްވާ ގަތަރާ ރަސްމީކޮށް ދިދަ ހަވާލުކޮށްފައިވެއެވެ.

މިއަހަރުގެ އޭޝިއަން ގޭމްސްގައި ޖުމުލަ 11،000 އެއްހާ އެތުލީޓުން 43 ކުޅިވަރެއްގައި ވާދަކޮށްފައިވެއެވެ. އެއީ 469 މެޑަލް އިވެންޓްގައެވެ. ރާއްޖޭންވެސް އޭޝިއަން ގޭމްސްގައި 42 އެތުލީޓުން، ހަތް ކުޅިވަރެއްގައި ވާދަކުރިއެވެ. ދިވެހި އެތުލީޓުން ވަނީ ރަނގަޅު ފެންވަރުގައި ބައެއް ކުޅިވަރުތަކުން ވާދަކޮށްފައެވެ. އޭގެ ތެރޭގައި ޒުވާން އެތުލީޓުންވެސް ފާހަގަވިއެވެ.

ޗައިނާއަކީ އޭޝިއާ ސަރަހައްދުގައި ކުޅިވަރުން އަބަދުވެސް އެންމެ ފާހަގަކޮށްލެވޭ ގައުމަށްވީ އިރު، މިއީ އެގައުމުން އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއްވަނައިގައި ނިންމާލި 12 ވަނަ ފަހަރެވެ. ޗައިނާއިން މިފަހަރުވެސް ވަނީ 169 ރަން މެޑަލްއާއި 89 ރިހި މެޑަލް އަދި 83 ބްރޯންޒް މެޑަލް ހޯދައިފައެވެ. މިއީ ޗައިނާއިން ބޭރުގައި ބޭއްވި އޭޝިއަން ގޭމްސްއެއްގައި އެގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ދެވަނައިގައި ނިންމާލީ ހޯސްޓް ޖަޕާނެވެ. ޖަޕާނުން އެގައުމުގެ ރެކޯޑު މުގުރާލީ 83 ރަން މެޑަލްއާއެކު ޖުމުލަ 269 މެޑަލް ހޯދައިގެންނެވެ. މެޑަލް ތާވަލުގެ ތިންވަނަ ހޯދީ ދެކުނު ކޮރެއާއެވެ. އެއީ 39 ރަން މެޑަލްއާއެކު ޖުމުލަ 150 މެޑަލްއެވެ.

މިފަހަރު އޭޝިއަން ގޭމްސްގައި ފުރާވަރުގެ ހުނަރުވެރި އެތުލީޓުން ފެނިގެން ގޮސްފައިވާ އިރު، ޗައިނާގެ އެވަރެޖް އުމުރަކީ 24 އަހަރެވެ. އެ ކޮންޓިންޖެންޓްގެ 548 އެތުލީޓުންނަކީ މުޅިން އަލަށް އޭޝިއަން ގޭމްސްގައި ވާދަކުރި އެތުލީޓުންނެވެ.

ޗައިނާއިން އެންމެ ގިނަ މެޑަލް ހޯދި ފެތުމުގެ އިވެންޓުން އެގައުމަށް ވަނީ 30 ރަން މެޑަލް ލިބިފައެވެ. އަދި ޖުމުލަ 54 މެޑަލް ޗައިނާއިން ފެތުމުގެ އިވެންޓުން ހޯދިއެވެ. ޗައިނާގެ އުމުރުން 19 އަހަރުގެ ފެތުންތެރިޔާ ޒޭންގް ޒާންޝޫއޯ ވަނީ އޭޝިއަން ގޭމްސްގެ ތާރީހު ލިޔެލައިފައެވެ. އޭނާ ވެފައިވަނީ އޭޝިއަން ގޭމްސްގެ ފެތުމުގެ އިވެންޓްތަކުން ހަތް ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓަށެވެ.

އޭގެ އިތުރުން ޗައިނާގެ އުމުރުން 13 އަހަރުގެ ފެތުންތެރިޔާ ޔޫ ޒީޑީ ވަނީ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން އޭޝިއަން ގޭމްސްގެ ރެކޯޑު މުގުރާލައި، ޖުމުލަ ތިން ރަން މެޑަލް ފެތުމުން ހޯދައިފައެވެ. ޔޫއަކީ މިފަހަރު އޭޝިއަން ގޭމްސްގެ އެންމެ އުންމީދީ އަންހެން އެތުލީޓެވެ. އެންމެ އުންމީދީ ފިރިހެން އެތުލީޓަކީ ފިރިހެން 100 އަދި 200 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދި، ތައިލެންޑްގެ ޕުރިޕޯލް ބޫންސަންއެވެ.