ފުޓުބޯޅައިގެ މައި އިދަރާ، ފީފާގެ ނިންމުއްތައް ނިންމާ ގޮތާއި، އެ އިދާރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް ރިފޯމަކަށް ކުރަން ޖެހޭ މަސައްކަތް އިތުބާރުހުރި މިނިވަން ފަރާތެއްގެ ބޭނުންކޮށްގެން ކުރުމަށް މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުތަކުގައި އިންފަންޓީނޯއާއި ފީފާއަށް ވަނީ އެކިއެކި ކަންކަމުގައި ޕްރެޝަރު ބޮޑުވެގެން ގޮސްފައެވެ. އެގޮތުން އިޒްރޭލާ ދޭތެރޭ ފިޔަވަޅު އަޅަން ފަސްޖެހުމުގެ އިތުރުން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުންވެސް އެކަމުގެ ސަބަބުތަކުގައި ހިމެނެއެވެ. އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގުޅުން މާބޮޑުވެ، ފީފާގެ ސުލްހައިގެ އިނާމު ޓްރަމްޕަށް އެރުވުމުން އެކަމަށްވެސް ވަނީ ނުރުހުން އަމާޒުވެފައެވެ.

ވޯލްޑް ކަޕްގައިވެސް ޓްރަމްޕްގެ ދައުރަށް ފާޑުކިޔުން އަމާޒުވި އިރު، އޭގެފަހުން ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކޭނެ ގޮތަށް އިންފަންޓީނޯ ގެންނަން އުޅުނު އިންވެސްޓްމަންޓް ޕްލޭންވެސް ދިޔައީ ޗޮކުންނެވެ. އެއީ ޔޫއެފާއާއި އޭއެފްސީގެ އިތުރުން ކޮންކެކަފްވެސް އެކަމަށް ފާޅުގައި ހުރަސް އެޅުމުންނެވެ. އެކަމުގައި އިންފަންޓީނޯއަށް ކުރަމުންދިޔަ ތާއިދު ގައުމުތަކުން ދަނީ އަނބުރާ ގެންދަމުންނެވެ.

ކުރިއަށް އޮތް ދައުރަށްވެސް ފީފާގެ ރައީސްކަން ވާދަކުރައްވަން އިންފަންޓީނޯ ނިންމަވާފައިވާ އިރު، އޭނާ ފީފާ ކައުންސިލާއި މެންބަރު 211 ގައުމަށް ފޮނުއްވި ސިޓީގައި ވަނީ މިނިވަން ތިންވަނަ ފަރާތެއްގެ ރިވިއުއަކަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފައެވެ.

"އަހަރެން ފުރަތަމަ ކައުންސިލްގައި އަހާނަން، އެއީ މިނިވަން އެކްސްޓާނަލް ރިވިއުއަކަށް ދާން ބޭނުންވޭތޯ. އެއީ ފީފާގެ މިހާރު އޮތް ހިންގުމުގެ ނިޒާމު ދިރާސާކޮށް، އެކަމުގައި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި، ހިންގުން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ހޯދުމަށް،" އިންފަންޓީނޯ ސިޓީގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ފީފާގެ ކަންކަން ނިންމާއިރު، ކޮންފެޑެރޭޝަންތަކުގެ ލަފާ މިހާރަށްވުރެ ބޮޑަށް ހޯދައި، މެންބަރު އެސޯސިއޭޝަންތަކުގެ ހިޔާލުވެސް މިހާރަށްވުރެ ބޮޑަށް ހޯދޭނެ ގޮތެއް އޮތްތޯ ބަލަން ބޭނުންވާ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ. އޭނާއާ ހަމައިން ފެށިގެން ގޮސް، ފީފާގެ އެކި ގިންތިތަކުގައި ހުރި މައްސަލަތައް ހޯދުމަށް މިނިވަން ކޮމިޝަނަކުން މަސައްކަތް ކުރުން އެއީ އެދޭ ކަމެއް ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ޕްރޮޕޯސަލްއާ ގުޅޭ ގޮތުން ސިޓީގައި އިންފަންޓީނޯ ވަނީ ވާހަކަ ދައްކަވައިފައެވެ. އެގޮތުން އެއީ އެއްވެސް ހާލެއްގައި ގޯސް ނިޔަތެއްގައި ގެންނަން އުޅުނު ޕްލޭނެއް ނޫން ކަމަށާއި، އެ ޕްލޭން އެއްކޮށް އެކުލަވާނުލެވެނީސް ލީކްވުމުން މާނަ އޮޅިގެން ދިޔަ ކަމަށެވެ. އަދި އެ ޕްލޭނަކީ ފުޓުބޯޅައަށް ފަންޑް އިތުރުކުރަން ގެންނަން އުޅުނު ޕްލޭނެއް ކަމަށާއި، އެއީ ނިންމުމެއް ނޫން ކަމަށްވެސް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ. އަދި އެ ޕްލޭން މިހާރު އެއްކޮށް ހުއްޓާލިކަމުގެ ޔަގީންކަންވެސް އޭނާ ދެއްވާފައިވެއެވެ.