ރާއްޖެ މިހާރު ވެއްޓިފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށްޓަކައި އެންމެ ފައިދާހުރި ހައްލަކީ ވަގުތުން ދައުލަތަށް ފައިސާ ލިބޭނެ ގޮތަށް ހަރުމުދަލެއް ވިއްކާލުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެގޮތަށް ވިދާޅުވީ އަލަށް ހިއްކަމުން އަންނަ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅިގެންނެވެ.
އެ އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ފެންވަރު ރަނގަޅު ޓޫރިޒަމް، ވޯޓާފްރަންޓް، މެރީނާ އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ނަޝީދު ވިދާޅުވީ ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްގީކުރުމަކީ ރަނގަޅު ވިސްނުމެއް ނަމަވެސް، މިއީ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަން މިވަގުތުން މިވަގުތަށް ހައްލުކޮށްދޭނެކަމެއް ނޫން ކަމަށެވެ. އަދި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ދިޔަ ނަމަވެސް މި މަޝްރޫއުން ދައުލަތަށް އާމްދަނީއެއް ލިބެން ފަށާނީ މަދުވެގެން ދެ އަހަރު ފަހުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދައުލަތުގެ ދަރަނި އަދާކުރުމަށް ޕްރައިވެޓައިޒް ކުރުމާއި ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވެރިކަމުގައިވެސް މި ސިޔާސަތުގެ ދަށުން ދިރާގާއި އެމްޑަބްލިއުއެސްސީގެ ސަރުކާރު ހިއްސާ ވިއްކާލުމުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްލިއެވެ.
ނަމަވެސް މި ވިސްނުމާ މުޅިން އިދިކޮޅަށް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދައުލަތުގެ ހަރުމުދާ ވިއްކުމާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ. އެގޮތުން، ވިއްކާލާފައިވާ ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާތައް އަލުން ދައުލަތަށް ގަތުމަށްވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނިންމަވައިފައެވެ.
ރައީސް މުއިއްޒު ދާދިފަހުން ޕީއެންސީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެރިކަމުގައި ގައުމު ދަރުވާލައި މުދާތައް ވިއްކާލި ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ އެ ހުރިހާ އެއްޗެއް އަނބުރާ ހޯދުން ކަމަށެވެ. އަދި ރާއްޖޭގެ މިލްކިއްޔާތުން "އެންމެ ޒައްރެއްގެ މިންވަރުވެސް ބޭރު ބަޔަކަށް ނުދޭނެ"ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް