ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރަކީވެސް އިސްތަވާން އުރުބާނީއެވެ. މިދިޔަ ދެތިން އަހަރު ރާއްޖޭގެ ފުޓުބޯޅަ "ދޮވެވިގެން ގޮސްފައި" އޮއްވައި އޭނާ މަގާމާ ހަވާލުވީ ވަރަށް ގިނަ ޗެލެންޖްތައް ހުރިކަން އެނގިގެން ކަމަށް ބުނެފައިވެއެވެ. އުރުބާނީއަކީ ރާއްޖޭގެ ފުޓުބޯޅައަށް އާ ނަމެއް ނޫނެވެ. ފަރިތަ، ކާމިޔާބުވެސް ނަމެކެވެ. ތަފާތު ތަޖުރިބާތަކެއް ދިވެހި ފުޓުބޯޅައިގައި ކޮށްފައިވާ ނަމެކެވެ. އެހެން ނަމަވެސް މިފަހަރު އައިސް ހަވާލުވީ "ހާލު ދެރަވެފައި" އޮތް ފުޓުބޯޅައަކާއެވެ.

ކޮންމެއަކަސް އުރުބާނީ ހަވާލުވި ހިސާބުން އެއީ އުފާވެރި މަންޒަރެއް ކަމަށް ގިނަ ސަޕޯޓަރުންތަކަކަށް ގަބޫލުކުރެވުނެވެ. އެއީ ރާއްޖޭގެ ފުޓުބޯޅަ ބަދަލުކޮށްލި މޭސްތެރިއަކަށްވީތީއެވެ. އެހެންނަމަވެސް އުރުބާނީއަށްވެސް އޮތް ޗެލެންޖް ފަސޭހަ ނޫންކަން ނަތީޖާތަކުން ފެނިއްޖެއެވެ. އުރުބާނީއާއެކު ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމަށް، އަމިއްލަ ދަނޑުގައިވެސް މޮޅެއް ނުހޯދުނެވެ. އަދި ސީނިއާ ފުޓުބޯޅަ ޓީމުން ޑައިމަންޑް ޖުބިލީ މުބާރާތް ނިންމާލީވެސް މާޔޫސްކަމާއެކު މޮޅެއް ނުލިބިއެވެ. ސަރަހައްދީ ގައުމުތައް ކަމަށްވާ ޕާކިސްތާނާއި ބަންގްލަދޭޝްވެސް މުބާރާތުގައި ފެނުނެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގެ ޒުވާން ޓީމު ކައިރިންވެސް ރާއްޖެއަށް މޮޅެއް ނުހޯދުނެވެ.

ރާއްޖޭގެ ކޯޗު އުރުބާނީ 20 އަހަރުން ދަށު ޓީމުގެ ކޯޗަކަށް ހުރެ ކުޅުންތެރިޔަކަށް އިރުޝާދު ދެނީ --- ފޮޓޯ/ ވަން ސްޕޯޓްސް

އެ ހިސާބުންވެސް ޗެލެންޖުގެ އުނދަގޫކަން ހާމަވިއެވެ. ދިވެހި ޕްރިމިއާ ލީގު، މުޅިން އާ ފޯމެޓަކަށް ފެށި، އާ ހަރުފަތެއް ގިރާކުރަމުންދާ ނަމަވެސް، އަދި އެއީ ނުފޯދޭ ގަހެކެވެ. އަދި އޭގެ ފައިދާ، އޭގެ ނަފާ ކުރާނީ ކުރިއަށް އޮތް ތަނަކަށްކަން ޔަގީނެވެ. މިވަގުތުގެ ހާލަތަށް ބަލައި، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް އަދި އޮތީ ހައްލެއް ހޯދޭނެ ފަސޭހަ މަގެއްގައި ނޫން ކަމަށް އުރުބާނީވެސް ވަނީ ބުނެފައެވެ. ނޮވެމްބަރު މަހު ސާފް ޗެމްޕިއަންޝިޕް އޮތް ނަމަވެސް، އެ މުބާރާތަށް ހަގީގާތުގައި ރާއްޖޭގެ ޕްލޭނެއް ނެތްކަން ހުދު އުރުބާނީގެ ބަސްމަގުން ކޮންމެވެސް ވަރަކަށް ދޭހަވެއެވެ.

ޓެކްނިކަލީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެވޭނެ މާހައުލެއް ބައިނަލްއަގުވާމީ ފުޓުބޯޅައިގައި މިވަގުތު ނެތްކަމަށް އޭނާގެ ވާހަކައިން ފާހަގަވި އިރު، ސާފަށް ދިއުމުގެ ކުރިން މިފަހަރު ރާއްޖޭން އެކުވެރިކަމުގެ ތިން މެޗެއް ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެއީ ކިރިގިސްތާން، ޗައިނާ އަދި ލުބުނާނާ ދެކޮޅަށެވެ. ވަރުގަދަ ތިން ގައުމާ ދެކޮޅަށެވެ. ޗައިނާގައި އެގައުމާ ދެކޮޅަށް ކުޅުމަށްފަހު ދެން ރާއްޖޭން ދާނީ ކިރިގިސްތާނަށެވެ. ދަތުރުތަކާއެކު ޓީމުން ތައްޔާރުވާ މެޗުތަކަށް މާލޭގައި ކުރެވުނީ އެންމެ ޕްރެކްޓިސްއެކެވެ. ދެން އޮތީ ޗައިނާގައި ކުރެވުނު ޕްރެކްޓިސްއެއް ކުރުމެވެ.

އެކުވެރިކަމުގެ މެޗުތަކަށް ޗެލެންޖްތަކެއް، ނިންމުން ނިންމަންވެސް އުނދަގޫ

"އަހަރެމެން މިއުޅެނީ ވަރަށް ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅެން. އެއީ ޗައިނާ، ކިރިގިސްތާން އަދި ލުބުނާން. ފާހަގަކޮށްލަން ބޭނުންވޭ ފީފާ ވިންޑޯއެއްގައި މިހާރު މެޗެއް ހަމަޖެއްސުން އެއީ އުނދަގޫ ކަމެއް. އާސިއާން ކަޕާއި އެހެން ބައިވަރު މުބާރާތްތައްވެސް ކުރިއަށްދާތީ. އެހެންވީމަ އަހަރެމެންނަށްވެސް އެންމެ ފަހުވަގުތު މި މެޗުތައް މި ފައިނަލް ކުރެވުނީ. ކުރިން އޮތީވެސް ކިރިގިސްތާން މެޗާއި ލުބުނާން މެޗު. އެ މެޗުތައްވެސް އައީ އޭގެ ކުރިން ރޭވި ގޮތަކަށް ނޫން. އެއީ ޗެއިން ރިއަކްޝަނަކުން ކަންކަން ބަދަލުވީ. އިންޑިއާ އާސިއާން ކަޕުން ވަކިވި ހިސާބުން ބަންގްލަދޭޝްއަށް އެ ފުރުސަތު ލިބުނީ. ކުރިން އަހަރެމެން އޮތީ މުބާރާތަކަށް ބަންގްލަދޭޝްއަކަށް ދާން. ދެން އަހަރެމެން މި ޖެހުނީ ކިރިގިސްތާނަށް ދާން. އެހެންވީމަ މިއީ ވަރަށް ޗެލެންޖިން ކަމެއް،" އުރުބާނީ މެޗުތަކަށް ދިޔުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް، ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި ބުންޏެވެ.

އުރުބާނީ ބުނީ ޗައިނާ ދައުވަތު އައީ ކުއްލިއަކަށް އެންމެ ފަހުވަގުތު ކަމަށެވެ. ފަސް ތަރީގެ ރިސޯޓް ހޮޓެލް ރިސަވޭޝަނެއްގެ އިތުރުން އެހެން ހުރިހާ ކަމެއްވެސް ހަމަޖެހިގެން އައި އެ ދައުވަތާއެކު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އޭނާ ގާތު ގޮތެއް ނިންމަން އެހި ކަމަށް ފާހަގަކޮށް އުރުބާނީ ބުނީ އެ ހާލަތުގައި ގޮތް ނިންމަން ގައުމީ ޓީމުގެ ޓެކްނިކަލް ކޮމިޓީއެއް އޮތުން މުހިންމު ކަމަށެވެ.

"ރައީސް އަހަރެން ގާތުގައި އެހި ދާނަންތޯ. އަހަރެން ބުނިން އެއީ އަހަންނާ ނިންމަން ޖެހޭ ނިންމުމެއް ނޫނޭ. އެ ހާލަތުގައި އަހަންނަށް ގަބޫލުކުރެވުނު ވަރަށް އަވަހަށް ގައުމީ ޓީމުގެ ޓެކްނިކަލް ކޮމިޓީއެއް އޮތުން މުހިއްމު ކަމަށް. އެއީ މިކަހަލަ ކުރު މުއްދަތެއްގައި ގައުމީ ޓީމަށް އަންނަ މިކަހަލަ ސުވާލުތަކަށް ޖަވާބުދޭން. އެއީ މިސާލަކަށް މިހާ ކުރު މުއްދަތެއްގައި އެއްވެސް ވަރަކަށް ތައްޔާރުނުވެ، އެހާ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހޭތީ. މިއީ އަހަންނަށް އެހާ ޝައުގުވެރިކަމެއް ނޫން. އެހެންވިޔަސް މިއީ ކުޅުންތެރިންނަށް ތަފާތު ތަޖުރިބާއަކަށްވާނެ. ވަރުގަދަ ސްޓޭޑިއަމެއްގައި، ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީ، ޓަފް މެޗެއް ކުޅެން މި ޖެހެނީ. އިތުރު ވަގުތު ލިބުނު ނަމަ ރަނގަޅުވީސް، އެކަމަކު މި މެޗުތައް ވަރުގަދަވުމުންވެސް ފައިދާކުރާނެ. އަދި މިކުރަން ޖެހޭ ދަތުރުވެސް ތަފާތު. އަހަރެމެން އަށް ގަޑިއިރު ފުރަތަމަ ދަތުރުކޮށްފައި، ހަތަރު ގަޑިއިރުވެސް ލޭއޯވާއަަކަށް ފަހު އަނެއްކާވެސް ތިން ގަޑިއިރު ދަތުރުކޮށްފައި މިދަނީ،" އުރުބާނީ ފާހަގަކުރިއެވެ.

އުރުބާނީ ޕްރެސްގައި ވާހަކަ ދައްކަނީ ---

އުރުބާނީ އިތުރަށް ބުނީ ޗައިނާއަކީ އިންޓަނޭޝަނަލް ބްރޭކެއް ފަށަން ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ނިންމުން ނިންމުން ހާލަތުން އިތުރު ޗޮއިސްއެއް ނެތުމުން ކަމަށެވެ. އަދި ވަރުގަދަ މެޗުތަކެއް ކުޅުން އެއީ އެއްވެސް ހާލެއްގައި ގޯސް ކަމެއް ނޫން ނަމަވެސް، ކުއްލިއަކަށް އެކަހަލަ މެޗުތައް ރާއްޖޭން ކުޅެން ޖެހުން އެއީ ޗެލެންޖެއް ކަމަށެވެ. ސަރަހައްދީ އެހެން ގައުމުތަކުން ވަރުގަދަ މެޗުތައް ކުޅެނީ އެހެން ލީގުތަކުގައި ވަރުގަދައަށް ކޮންމެ ހަފުތާއަކު ކުޅޭ ކުޅުންތެރިންނާއެކުގައި ކަމަށާއި، ރާއްޖެއަށް އަދި އެއީ ޗެލެންޖްތަކެއް ހުންނާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އުރުބާނީ އޭގެ އިތުރުން ފާހަގަކުރީ ޗައިނާއާ ދެކޮޅަށް ނުކުންނާނީ "ސަވައިވަލް ޕްލޭނެއް" ހަދައިގެން ނޫން ނަމަވެސް، މާބޮޑަށް މޮޅުވާން ވިސްނައިގެން ނޫން ކަމަށެވެ. އަދި ޓެކްނިކަލީ އެކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ތައްޔާރުވާން އެއްވެސް ވަރަކަށް އެކަށީގެންވާ ވަގުތެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ކޮންމެއަކަސް ގައުމީ ޓީމަށް ބްރޭކް ރަސްމީކޮށް މި ލިބެނީ ރޭން ފެށިގެންނެވެ. ގައުމީ ޓީމުން މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ ފުރަތަމަ މެޗުގައި ޗައިނާއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ޗައިނާގެ ޗޮންގިންގައެވެ. އޭގެފަހުން ޓީމުން ދެން ފުރާނީ ކިރިގިސްތާނުގެ ވެރިރަށް ބިޝްކެކަށެވެ. އެގައުމުގައި ދެ މެޗު ކުޅޭނެއެވެ. އެއީ މިމަހުގެ 28 ވަނަ ދުވަހު ކިރިގިސްތާނާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަންނަ މަހު އެއްވަނަ ދުވަހު ބިޝްކެކްގައި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗެވެ.

ތާރީހުތަކަށް ބަލާއިރު މާބޮޑު ގޯހެއް އޭގައި ނެތެވެ. އުރުބާނީ ފާހަގަކުރީ މެޗުތައް ވަރުގަދަ ކަމަށްބަލައި ވަގުތު ނެތް ކަމަށެވެ. އެހެން ނަމަވެސް އިންޓަނޭޝަނަލް ބްރޭކެއްގައި އެ ފާހަގަކުރި ވަގުތު މިހާރު އެއްވެސް ގައުމަކަށް ލިބޭތަނެއް ނުފެނެއެވެ. ސާފް ޗެމްޕިއަންޝިޕްގެ ކުރިން އިތުރު "ދެ މެޗެއް ކުޅެން ބޭނުންވޭ،" ކަމަށް އުރުބާނީ ފާހަގަކުރި އިރު، ދެން ލީގު އަލުން ފަށައިގެން މެދުކަނޑާލަން ނިންމާފައިވަނީ އޮކްޓޯބަރު 25 ގައެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ ނޮވެމްބަރު އަށްވަނަ ދުވަހުއެވެ. އެއީ ޕާކިސްތާނާ ދެކޮޅަށެވެ. އެއީ ރާއްޖެ ގަޑިން މެންދުރު ފަހު 2:30 ގައެވެ. ރާއްޖޭގެ ދެވަނަ މެޗު، 11 ނޮވެމްބަރު މެންދުރު ފަހު ރާއްޖެ ގަޑިން 2:30 ގައި އޮންނާނީ އިންޑިއާއާ ދެކޮޅަށެވެ. ރާއްޖޭ ގްރޫޕްގައި ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނެވެ.

ރާއްޖޭގެ ސީނިއާ ޓީމުގެ އިތުރުން 20 އަހަރުން ދަށުގެ ޓީމުގެވެސް ކޯޗު އުރުބާނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ ދެގައުމުންވެސް މިފަހަރު ބްރޭކްގެ ބޭނުން ހިފަން މަސައްކަތް ކުރަމުންދާ އިރު، އުރުބާނީ ފާހަގަކުރީ އެ ދެ ގައުމުގެ ހާލަތާއި ރާއްޖޭގެ ހާލަތު ތަފާތު ކަމަށެވެ. އަދި ތައްޔާރީތަކުގައި މިދިޔަ އަހަރުތަކުގައި އެ ގައުމުތަކުން ކުރި އިންވެސްޓްގެ ތަފާތު ފެންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ކޮންމެއަކަސް، ފުޓުބޯޅައިގެ ހާލަތު އަލުން ބަދަލުވަމުން އަންނަ އިރު، އުރުބާނީ އިތުރަށް ފާހަގަކުރީ އަދި ރާއްޖެއަށް މިހާރު އޮތް ހާލަތުން "މާގިނަ ޗޮއިސްތަކެއް ނެތް،" ކަމަށެވެ. އަދިވެސް ޕްލޭނިން ސްޓޭޖުތަކެއް ބޭނުންވާކަމަށް އޭނާ ފާހަގަކުރިއެވެ.

"އަހަރެން ކުރިންވެސް މި ބުނާހެން ރާއްޖޭގެ ފުޓުބޯޅައަށް އަދިވެސް އެބަ ބޭނުންވޭ ކުރު މުއްދަތާއި ދުރު ރާސްތާ ޕްލޭންތަކެއް ހަދަން. ސާފް ޗެމްޕިއަންޝިޕް ކުޅުން ނޫނީ ލީގު ތާވަލު ކުރުން މިއީ އެއް ނޫން ކުރަން ޖެހޭ ޕްލޭނަކީ. މިދިޔަ އަހަރުތަކުގައި މި ޕްލޭނެއް ނެތް. ކުއްލިއަކަށް މި ހިސާބަށް އައިސް ކަންކަން ކުރަން ޖެހުނީމަ ޗެލެންޖްތައް ހުންނާނެ،" އުރުބާނީ ފާހަގަކުރިއެވެ.