ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަމާ އެކު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް ފައިސަލްގެ ފަރާތުން އަދި ހާމައެއް ނުކުރައްވައެވެ. އަދި ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުންވެސް ފައިސަލް މިހާތަނަށް މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަވާފައެއްނުވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސްގެ ޝަރަފު އޮތް ފައިސަލަށް، ރައީސް ސޯލިހުގެ ތާއީދު އޮތް ކަމުގެ ވާހަކަތަކެއް ސިޔާސީ ދާއިރާގައި ދެކެވުނު ނަމަވެސް، އެކަމާ ގުޅޭ ގޮތުން ސޯލިހުވެސް އަދި ވަކި ގޮތެއް ހާމައެއް ނުކުރައްވައެވެ.

ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު ޖެނުއަރީ 2024 ގައި އެ ޕާޓީން ވަކިވެވަޑައިގެންނެވި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ، އެ ޕާޓީއަށް 2023 ގެ ވެރިކަން ގެއްލުނު ފަހުން ފެބްރުއަރީ 22، 2024 ގަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން މިހާރުވެސް ބޮޑުވެފައިވާއިރު، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި މަޖިލިސް މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ކެމްޕެއިން ފައްޓަވާފައެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ފެށިފައިވާއިރު، ވެރިކަންކުރާ ޕީއެންސީން ވަނީ 2028 ގެ ރިޔާސީ ޓިކެޓް މިދިޔަ ހުކުރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވަން ނިންމައި އެކަން އިއުލާނުކޮށްފައެވެ.