ބްރެޒިލްގެ ފޯވަޑް ރަފީނިއާ، ޖެހިޖެހިގެން ދެވަނަ މެޗުގައި ހެޓްރިކް ހަދައިގެން ބާސެލޯނާއިން ރޭ ސެވިއްޔާ ބަލިކޮށްފިއެވެ.
ސްޕެނިޝް ލީގުގައި ރޭ ބާސާއިން ކުޅުނު މެޗުގައި ސެވިއްޔާ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ބާސާއިން މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ މޮޅުވެފައެވެ. ލީގުގައި ހަތް މެޗު ކުޅެ، 21 ޕޮއިންޓް ހޯދައިގެން ބާސާއިން އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ހަ މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ސެވިއްޔާއިން ފަސްވަނައިގައި އޮތީ ހަތް މެޗުން 13 ޕޮއިންޓާއެކުގައެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ ސެވިއްޔާއިންނެވެ. ރަނގަޅު މޫވްއަކާއެކު ފެލިކްސް ކޮރޭރާ ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ ޔޫސުފް ފޮފާނާއެވެ. އޭގެ ތިން މިނެޓު ފަހުން ރަފީނިއާގެ ފުރަތަމަ ގޯލާއެކު ބާސާއިން އެއްވަރުކުރިއެވެ. އޭގެފަހުން ދެވަނަ ހާފުގައި ބާސާއިން ލީޑު ނެގި އިރު، އެ ގޯލުގައި ލަމީން ޔަމާލްގެ ދައުރު ބޮޑެވެ.
އަރިމަތިން ކުޅުންތެރިޔާ ބީޓް ކޮށްލުމަށްފަހު ޔަމާލް ނަގައިދިން ހުރަސް، ރަފީނިއާ ގޯލަށް ވައްދާލީ ބޮލުންނެވެ. 52 ވަނަ މިނެޓުގައި ބާސާއިން ދެވަނަ ފަހަރަށް ލީޑު ނެގި އިރު، 69 ވަނަ މިނެޓުގައި ރަފީނިއާގެ ހެޓްރިކް ފުރިހަމަކޮށް، މެޗުން ތިން ޕޮއިންޓް ޔަގީންކުރިއެވެ. އެ ގޯލަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރަފީނިއާއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ކޮމެންޓް