މަޖަލަކަށް، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އިއްޔެ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މިސްރަަށް ނިސްބަތްވާ މީހެއްކަމުގައިވާ ޕީޓާ ސަމާން މަރުޒޫކް ސަމާން 31އ އެވެ.

އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތުގައި އޭނާ ވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

އޭނާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކުރީ އެއާޕޯޓުގެ ޑިޕާޗާ ސްކްރީން ސަރަހައްދުގައި އޭނާގެ ދައްތަގެ ދަބަސް ޗެކްކުރަމުން ދިޔަ ވަގުތު އެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެންނެވެ.

އޭނާ އެފަދައިން ބުނުމާއެކު ފުލުހުން އެ ދަބަސް ބަލައިފާސްކުރިނަމަވެސް އެ ފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމުގައިވެސް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ކޯޓުގައި ދިފާއުވުމަށްވެސް އެއީ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ އޭނާވަނީ މާފަށް އެދިފަ އެވެ.