ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ ހުނަރުވެރި ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) ހަމަޖައްސައިފިއެވެ.
ސޮބާ ގައުމީ ޓީމުގެ ކޯޗިން ޓީމާ ގުޅުނުކަން މިރޭ ޔަގީންކޮށްދިނީ ގައުމީ ޓީމުގެ ކޯޗު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރު އިސްތަވާން އުރުބާނީއެވެ. މިރޭ ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި އުރުބާނީ ބުނީ ސޮބާ މަގާމަށް ހަމަޖެއްސި އެއް ސަބަބަކީ ކުރިން އޭނާ ރާއްޖެއަށް ކޯޗުކަން ކޮށްދިންއިރުވެސް ދަންނަ މީހަކަށްވުމާއި ސޮބާއަކީ ފުޓުބޯޅައިގެ ކަންކަމުގައި އަބަދުވެސް ޗެލެންޖް ކުރާ ކޯޗަކަށްވުމުން މަސައްކަތް ކުރަން ފަސޭހަވާތީ ކަމަށެވެ.
"އަހަރެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމަށް ސޮބާ ހަމަޖައްސައިފިން. ސަބަބު ވަރަށް ސިމްޕަލް. އެއީ އަހަންނަށް ކުރިން ފެށިގެން އެނގޭ މީހަކަށްވުން. އަހަންނަށް ވަރަށް ގާތުން މަސައްކަތް ކުރެވޭނެ މީހަކަށްވުން. މިސާލަކަށް ސޮބާއަކީ އަހަންނަށް ބަރާބަރަށް ވާހަކަ ދެކެވޭނެ ކޯޗެއް. މިދިޔަ ހަފުތާތަކުގައި ދެތިން ގަޑިއިރުވެސް އެކުގައި ވާހަކަ ދައްކަން ތިބެވިފައި ހުންނާނެ،" އުރުބާނީ ބުންޏެވެ.
ރާއްޖޭން ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ އިރު، ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ތިން މެޗު ކުޅެން ވަނީ ރާވައިފައެވެ. އެއީ މާދަމާ ޗައިނާއަށް ގޮސް، އެގައުމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އޭގެފަހުން ކިރިގިސްތާނަށް ގޮސް އެގައުމުގެ އިތުރުން ލުބުނާނާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
އުރުބާނީ ބުނީ އޭނާއަށް ފަސޭހައީ ޗެލެންޖް ކުރާ މީހުންނާއެކު މަސައްކަތް ކުރަން ކަމަށާއި، ކުޅުންތެރިންނަށްވެސް އަބަދުވެސް ބުނެދެނީ އޭނާ ކުރާ ކަންކަމާ ޗެލެންޖްކޮށް، އަބަދުވެސް މިވެނި ކަމެއް މިވެނި ގޮތަކަށް ކުރީ ކީއްވެތޯ އެހުމަށް ކަމަށެވެ. ސޮބާއަކީ އަބަދުވެސް އޭނާގެ ކަންކަމުގައި ޗެލެންޖް ކުރާނެ ކޯޗެއް ކަމަށް އުރުބާނީ ފާހަގަކުރިއެވެ.
ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ކުޅުނު ސޮބާ ވަނީ އުރުބާނީގެ ކޯޗުކަމުގައި ގައުމީ ޓީމަށް ކުޅެފައެވެ. އެންމެފަހުން ސޮބާ މަސައްކަތް ކޮށްފައިވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށެވެ. އެއީ، ސާފް ވިމެންސް ޗެމްޕިއަންޝިޕްގައެވެ. އޭގެ ކުރިން، ސޮބާ ވަނީ 17 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް މަސައްކަތް ކޮށްފައެވެ.
އޭގެ އިތުރުން ސޮބާ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުގައިވެސް މަސައްކަތް ކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ކޮމެންޓް