ފީފާގެ ރިޒާވްގައި ހުރި ފައިސާއިން މެމްބަރު 211 ގައުމަށް، ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދޭން ޔޫއެފާއާއި ކޮންކެކަފްއިން ގޮވާލައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިވަގުތު ބޮޑު ޕްރެޝަރެއްގައި ހުރި އިރު، އޭނާއަށް މިފަހުން އެންމެ ބޮޑު ޕްރެޝަރަކަށްވީ ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމުގެ ޕްލޭނެއް ތަރުހީބު ނުލިބި ފެއިލްވުމެވެ. ފީފާ ފޯވަޑް އެންޓަޕްރައިސް (އެފްއެފްއީ) ގެ ނަމުގައި އިންފަންޓީނޯ ތައާރަފުކުރަން އުޅުނު ޕްލޭނަށް އެންމެ ފުރަތަމަ ނޫނެކޭ ބުނީ ޔޫއެފާއާއި ކޮންކެކަފްއިންނެވެ.
އެ ޕްލޭން ފެއިލްވުމާއެކު އިންފަންޓީނޯގެ ތާއީދު ކުޑަވެފައިވާ އިރު، އޭނާ ދަނީ ތާއީދު ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ދައުރަކަށް ފީފާގެ ރައީސްކަމަށް ކުރިމަތިލުމަށް އިންފަންޓީނޯ ވަނީ އިއުލާނުވެސް ކުރައްވައިފައެވެ.
އެ މައްސަލައިގެ ސަބަބުން ޔޫއެފާ ރައީސް އެލެކްސެންޑާ ޗެފެރިންނާއި ކޮންކެކަފްގެ ރައީސް ވިކްޓޯ މޮންޓަގްލިއާނީ ވަނީ އިންފަންޓީނޯއާ ދެކޮޅަށް ފާޅުގައި ނުކުމެފައެވެ. އެ ދެ ރައީސުން ސޮއިކޮށް، ފީފާއަށް އިއްޔެ ސިޓީއެއް ފޮނުވާފައިވާ އިރު، އެ ސިޓީގައި ވަނީ ރިޒާވްގައި ހުރި ފައިސާއިން މެމްބަރު ގައުމުތަކަށް ދިނުމަށެވެ.
ސިޓީގައި ބުނެފައި ވަނީ 2023 އިން 2026 ވަނަ އަހަރާ ހަމައަށް ފީފާއަށް ލިބުނު އާމްދަނީން، ހަތަރު އަހަރުގެ ބަޖެޓް ނިންމާއިރު ރިޒާވްގައި 4.5 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އެ ފައިސާ ހޭދަކުރަން ވީ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ރަނގަޅުކޮށް، ފުޓުބޯޅައަށް ހަރަދުކުރަން ކަމަށް ސިޓީގައި ބުނެފައިވާ އިރު، ކޮންމެ ގައުމަކަށް 10 މިލިއަން ޕައުންޑް ދޭން އެދިފައިވެއެވެ.
ފީފާގެ އިންވެސްޓްމަންޓް ޕްލޭނަށް ތާއީދު ހޯދުމަށް އިންފަންޓީނޯ ވަނީ ގައުމުތަކަށް ފައިސާ ދޭން ވައުދުވެސް ވެފައެވެ. އެ ފަހަރު އެ ޕްލޭނަށް ވަކި މުއްދަތެއްގެ ކުރިން ތާއީދުކޮށްފިނަމަ، 15 މިލިއަން ޕައުންޑް އެ ގައުމަކަށް ދޭނެކަމަށް އިންފަންޓީނޯ ވައުދުވިއެވެ.
ޔޫއެފާއާއި ކޮންކެކަފްއިން ލިޔުނު ސިޓީގައި ބުނެފައި ވަނީ 2030 ވަނަ އަހަރާ ހަމައަށް ފީފާގެ ހިންގުން ރަނގަޅުކުރަން ރަނގަޅު އަދަދެއްގެ ފައިސާ މިހާރުވެސް ހުރި އިރު، ގައުމުތަކުގައި އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ރަނގަޅަށް ހިންގުން ހަރުދަނާ ކުރުމަށް ފައިސާ ބޭނުންވެފައިވާ ކަމަށެވެ.
ފީފާ
ފީފާ
ފީފާ
ކޮމެންޓް