މި ސަރުކާރުން ފުރިހަމައަށް އަދުލުވެރިކަން ގާއިމުކުރާނެ ކަމަށާއި، ކުށް ކުރާނީ ކާކުތޯ ބެލުމެއް ނެތި، ކުށްކުރާ ކޮންމެ މީހަކަށްވެސް އަދަބު ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމުގައި ހަމަޖެހުން ގާއިމުކުރުން ކަމަށާއި، ކޮންމެ މީހަކަށްވެސް އެ މީހަކު ބޭނުންވާ ސިޔާސީ ފިކުރެއް ހިޔާރު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، އެކަމުގެ ސަބަބުން އެއްވެސް އަދަބެއް އެ މީހަކަށް ނުލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ގާނޫނާހިލާފުވާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު މި ސަރުކާރުން އަޅާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވަކި މީހަކު ވަކި ސިޔާސީ ފިކުރެއްގައި ހުރުމަކީ އެ މީހަކަށް އަދަބު ދޭންޖެހޭނެ ކަމެއް ނޫން. އެހެންނަމަވެސް، ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ގާނޫނާ ހިލާފުވާނަމަ އެއީ ތަފާތު މައްސަލައެއް" ރައީސް ވިދާޅުވިއެވެ.

"ގާނޫނާ ގަވާއިދާހިލާފަށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެފައި ހުރުން، ނޫނީ ރައްޔިތުންގެ މުދަލަށް އަރައިގެންފައި ތިބޭ މީހުން. ނޫނީ މިފަދަ ގޯސް ގާނޫނާގަވާއިދު ހިލާފު ކަންތައްތައް ރާއްޖޭގައި ކުށެއްގެ ގޮތުގައި ކަނޑައަޅައިފައި ހުރި ކުށްކޮށްފަ ތިބި މީހުން، އެ ފަރާތްތަކަށް ރޫލް އޮފް ލޯ އެޕްލައިވާން ޖެހޭނެ. އެކަން ނުކޮށް ދޫކޮށްލުމަކީ އަދުލުވެރިވުމެއް ނޫން. އެހެންވީމާ އަޅުގަނޑު ފުރިހަމަ މާނައިގަ މިގައުމުގަ އަދުލުވެރިކަން ގާއިމުކުރާނަން އިރާދަކުރެއްވިއްޔާ. އޭގެ މާނައަކީ ކުށްކުރާ މީހަކަށް ކުށުގެ އަދަބު ލިބޭނޭ. ކުށްކުރާ މީހެއް ވެއްޖިއްޔާ ކުށުގެ އަދަބު ލިބޭނެ އެ މީހާއަކީ ކާކުތޯއެއް ނުބަލާނަން. އެ މީހާއަކީ ކާކުތޯ، ކާކުގެ ދަރިއެއްތޯ، ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ އެހެން ނުބަލާނަން. އަދުލުވެރިކަން ފުރިހަމަ ގޮތުގައި ގާއިމުކުރާނަން. އެއީ ހަމަޖެހުން މި ގައުމަށް ގެނެވޭނެ ގޮތަކީ"

ރައީސް ވިދާޅުވީ މި ވެރިކަމުގެ އެންމެ މުހިންމު އެއް ސިފައަކީ އަދުލުވެރިކަން ކަމަށެވެ. ރައީސް ވިދާޅުވީ އަދުލުވެރިކަމަކީ ވަރަށް ފުން މާނައެއް ހިމެނޭކަމެއް ކަމަށާއި، އަދުލުވެރިކަން ގާއިމުކުރަންޏާމުން ފަނޑިޔާރުގެ އޮންނަންވާނީ މިނިވަންކަމާއެކުގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއްބައިފަހަރު އެބަހުރި ހަމަގޭގަ އަރާމުގަ ނިދާފަ އޮތްވާ ފަނޑިޔާރުން ގެންގޮސް ކިޑްނެޕްކޮށްގެން ރަހީނުވެސް ކޮށްފަ. މިވަރަކަށް ޝަރުއީ ދާއިރާ މިނިވަންވާނީ. އަނެއްބައިފަހަރު ސުޕްރީމް ކޯޓުގެ ޓިނު ނަގާފަ އެބަހުރި. ސިޓިން ޖަޖެސް ގެންގޮސް ހައްޔަރުކޮށްފަ ޖަލަށްލާފަ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރުން އަދި ކުރީގެ ރައީސުން ޖަލުގައި ތިއްބެވިއިރު އެ ބޭފުޅުންގެ ހާލު ބައްލަވަން ވަޑައިގަންނަވަންޖެހުނީ އެ މަނިކުފާނު ކަމަށެވެ. އެ ބޭފުޅުން ބަންދުކޮށްފައިވަނީ ކުޑަ ގޮޅިއެއްގައި ވަރަށް ހާލުގައިކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ދިޔައީ ހާލު ބަލާލަން. އަޅުގަނޑަށް ވަރަށް އުނދަގޫ އިހުސާސެއްވީ، މިތިބީ އެއްބޭފުޅަކީ 30 އަހަރު ގައުމުގެ ވެރިކަން ކުރައްވާފައިހުރި ބޭފުޅެއް، ވަރަށް ގިނަ ހިދުމަތް ކުރައްވާފަ. ނޮވެމްބަރު ތިނެއްގަ ހާދިސާގަ ގައުމު ސަލާމަތްކުރި ވެރި މީހާ. ދެން ގޮސް އެތައް ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ދެން މިތިބީ އުއްތަމަ ފަނޑިޔާރާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރާ އެހެން ފަނޑިޔާރެއް. މި ބޭފުޅުން މިތިބީ ހަމަ ކުޑަ ގޮޅީގަ ނޫނިއްޔާ ވަރަށް ހާލުގަ" ރައީސް ވިދާޅުވިއެވެ.

އެކަންކަމަކީ އެ މަނިކުފާނު އަމިއްލަފުޅަށް ދެކެވަަޑައިގެން ތަޖުރިބާކުރެއްވި ކަންކަން ކަމަށާއި، އެހެންކަމުން ޝަރުއީ ދާއިރާގެ މިނިވަންކަން އޮތް މިންވަރު އެ މަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

އެއާ ހިލާފަށް މި ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާއަށް ފޯރުވަމުން ދިޔަ ނުފޫޒުތަކަށް ނިމުމެއް އައިސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ޝަރުއީ ދާއިރާއަށް ސިޔާސީ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ފަނޑިޔާރުން އެ މީހުންގެ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ފޯރުކޮށްދީފައިކަމަށް ރައީސް ވިދާޅުވިއެވެ.