މިރޭ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓް ވާދަކުރާ މެޗުގައި، ނިއު ރޭޑިއަންޓުން މާޒިޔާ ބަލިކޮށްލަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ތޯމަސް ޓްރުޗާ ބުނެފިއެވެ.
މި ސީޒަނުގެ މިހާތަނަށް މާޒިޔާ އާއި ނިއު ރޭޑިއަންޓް ތިން ފަހަރު ވާދަކޮށްފައިވެއެވެ. އެގޮތުން ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ސީޒަނުގެ ފުރަތަމަ މުބާރާތް ކަޕް ވިނާސް ކަޕް ފަައިނަލުގައި މާޒިޔާއިން ވަނީ ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަލިކޮށްފައެވެ. ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި މާޒިޔާއާއި ނިއު ރޭޑިއަންޓްގެ ކުރިމަތިލުން ވަނީ އެއްވަރުވެފައެވެ.
"މި ސީޒަނުގެ މިހާތަނަށް މާޒިޔާއާއި ނިއު ރޭޑިއަންޓާ މިހާރު ތިން މެޗެއްގައި ކުޅެން ޖެހިއްޖެ. އަސްލު އެ ތިން މެޗުވެސްވީ އެއްވަރު. ދެޓީމަށްވެސް ވަރަށް ރަނގަޅަށް އިދިކޮޅު ޓީމު އެނގޭނެ. އެއްވެސް ޓީމަކަށް އަނެއް ޓީމު ހައިރާން ކޮށްލާނެ ކަމެއް ކުރަން އުނދަގޫވާނެ،" ޕްރި މެޗު ޕްރެސްގައި ޓްރުޗާ ބުންޏެވެ.
ޓްރުޗާ ބުނީ އެންމެ ފުރަތަމަ މެޗުގައިވެސް އޭނާ ސަޕޯޓަރުންނަށް ދައުވަތު ދިން ކަމަށާއި، މާ ބައިވަރު ސަޕޯޓަރުން އަދި ނުވަނަސް، ބައެއް ސަޕޯޓަރުން މެޗު ބަލަން ވަނުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.
އޭގެ އިތުރުން ވާހަކަ ދައްކަމުން ބުނީ ޓީމުތައް މަދު ލީގުތަކުގައި ކޮންމެ މެޗެއްވެސް މުހިއްމުވާނެ ކަމަށެެވެ. އަދި މިހާރު އޮތް ހާލަތުން ނިއު ރޭޑިއަންޓުން މާޒިޔާ ބަލިކުރަން ވަރަށް ބޭނުންވާނެ ކަމަށް ޓްރުޗާ ބުންޏެވެ.
"ކޮންމެ މެޗެއްވެސް ލީގުގައި މުހިއްމުވާނެ. އެއީ 10 ޓީމު އޮންނާތީ. އަހަރެމެންނަށް މި ލިބެނީ ކޮންމެ ބުރެއްގައި ނުވަ މެޗު. މި ލީގުގައި ނުލިބޭ 30 ނޫނީ 35 މެޗު ކުޅޭކަށް. އެއީ 18 ނޫނީ 20 ޓީމުގެ ލީގެއް ނޫން. އެހެންވީމަ ކޮންމެ ޓީމެއްވެސް ވިސްނާނެ، ކޮންމެ ތިން ޕޮއިންޓެއްވެސް ގުނާނެ،"
"ދެޓީމުގައިވެސް އެބައޮތް އުންމީދުތަކެއް. ގައުމީ ޓީމު ކުޅުންތެރިންވެސް އެބަތިބި ދެޓީމުވެސް. ދެޓީމުގައިވެސް ޒުވާން ވަރުގަދަ ކުޅުންތެރިންވެސް އެބަ ތިބި. އެހެންވީމަ މި މެޗުތަކުގެ ނަތީޖާ ނިންމާނީ ހަނި ފަރަގަކުން. ދެން ޔަގީނުންވެސް އެނގޭ ކަމަކީ ނިއު ރޭޑިއަންޓް ބޭނުންވާނެ މާޒިޔާ ބަލިކުރަން. އެކަމަކު އަހަރެމެންވެސް ބޭނުންވޭ ނިއު ރޭޑިއަންޓް ބަލިކުރަން،" ޓްރުޗާ ވާހަކަ ދައްކަމުން ބުންޏެވެ.
ޓްރުޗާ އިތުރަށް ބުނީ އަލަށް ލީގަށް އައި ނޯތު އަދި އަދި ސައުތު ލީގުގެ ޗެމްޕިއަނުންވެސް ވަރުގަދަ ކަމަށާއި، އެ ހުރިހާ ކަމެއް ހިމެނިގެން މިއީ ވަރަށް އަންދާޒާ ކުރަން އުނދަގޫވާނެ ލީގު ސީޒަނެއް ކަމަށެވެ. އަދި އެއްވެސް ޓީމެއް ދަށްކޮށްލުމުގެ ވިސްނުމެއް ގެންގުޅެފިނަމަ، އެކަމުން ލަނޑު ލިބޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
މާޒިޔާގެ ކުޅުންތެރިން އަންނަނީ އޭނާ ބޭނުންވާ ލެވަލަށް ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަމުން ކަމަށް ޓްރުޗާ ބުނެފައިވާ އިރު، އޭނާ ބުނީ އޮޑި އަތުން މޮޅުވި މެޗުގައި ފެނުނު ކުޅުމަކީ މާޒިޔާގެ ފަރާތުން އޭނާ ބޭނުންވާ ލެވަލެއް ނޫން ކަމަށެވެ. އެއީ ރަނގަޅު ކުޅުމެއް ކަމަށް ބުނަންް ހަދަން ޖެހޭނީ ދޮގެއް ކަމަށް ޓްރުޗާ ފާހަގަކުރިއެވެ. މާޒިޔާ ކުޅުންތެރިން އޭނާ ބޭނުންވާ މިންވަރަށް މެޗުތަކުގައި ކުޅެން ޝައުގުވެރިކަމާ އެކު މަސައްކަތްކުރާތީ އެ ކަމަށްޓަކައި އުފާކުރާ ކަމަށް ޓްރުޗާ ވަނީ ބުނެފައެވެ.
ނިއު ރޭޑިއަންޓާއި މާޒިޔާ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް