ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ރޭސިން ސަންޓަންޑާ ކޮޅަށް ހަތް ގޯލް ޖަހައި، މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ސަންޓަންޑާ ބަލިކުރީ 7-2 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ބާސާއިން ކުޅުނު ހަ މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، ތާވަލުގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކުގައެވެ. ބާސާއިން ކުޅުނު ހަ މެޗުގައި 28 ގޯލް ޖަހާފައިވާ އިރު، ކޮޅަށް ވަނީ އެންމެ ހަ ގޯލެވެ.

ދެވަނައިގައި ރެއާލް މެޑްރިޑް އޮތް އިރު، އެޓީމަށް ހަ މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. މިވަގުތު ލަ ލީގާ ތާވަލުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރު ވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ.

އެންމެފަހުގެ ޗެމްޕިއަން ބާސާއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ހޯދަން މަސައްކަތް ކުރަމުންދާ އިރު، ރޭގެ މެޗުގައިވެސް ރަފީނިއާ ވަނީ ހެޓްރިކް ހަދައިފައެވެ. ރަފީނިއާ ވަނީ މިހާތަނަށް މި ސީޒަނުގައި 11 ގޯލް ޖަހައިފައެވެ. އޭގެ ތެރެއިން ނުވަ ގޯލަކީ އޭނާ ލީގުގައި ކުޅުނު ހަ މެޗުގައި ޖެހި ގޯލްތަކެވެ.

ޖޮއާއޮ ކާންސެލޯ މެޗުގެ އަށްވަނަ މިނެޓުގައި ބާސާއަށް ގޯލް ހުޅުވާލަ ދިން އިރު، ރަފީނިއާ ދެވަނަ ގޯލް ޖަހައިދިނީ ޕެނަލްޓީއަކުންނެވެ. އެ ދެ ގޯލާއެކު ބާސާއިން ހަމަޖެހިލިތަނާ މަގުއޭ ގޭއީ ޖެހި ގޯލުން ރޭސިން ވަނީ ހިތްވަރު ހޯދައިފައެވެ.

އެހިސާބުން މެޗު ވާދަވެރިވާނެ ކަމަށް ހީވި ނަމަވެސް، ބާސާ ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. ބާސާއިން އިތުރު ފަސް ގޯލް ޖެހި އިރު، ރަފީނިއާގެ އިތުރު ދެ ގޯލް ޖެހިއެވެ. ފަހުކޮޅުގައި ގެބްރިއަލް ޖީސަސްއާއި ލަމީން ޔަމާލްގެ ގޯލްތައްވެސް ފެނުނު އިރު، އެއް ގޯލް ރޭސިންގެ އަސިއޭ ވިލާލިބްރޭ އަތުން ބައިކޮޅަށް ވަނެވެ.

ރޭސިންއިން މެޗުގައި ޖެހި ދެވަނަ ގޯލް ޖަހައިދިނީ ޔާސިރް ޒަބީރީއެވެ.