ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ މާލީ އަދި އުމްރާނީ ތަރައްގީގެ ބުރަތަކާ ހަވާލުވެ، އަންނާން އޮތް ޖީލުތަކަށް އެ ބުރަތައް ކުޑަކޮށްދިނުމަކީ ލީޑަޝިޕްގެ ސިފައެއް ކަމަށް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތޮލިބު މިހެން ވިދާޅުވެފައި މި ވަނީ، ރައީސް އިބްރާހީމް މުހައްމަދުގެ ސޯލިހުގެ ސަރުކާރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ފަހު ޕޭމެންޓަށްވާ 50 މިލިއަން ޑޮލަރު މިއަދު ދައްކައި، ލޯނު އެއްކޮށް ހަލާސް ކުރުމާ ގުޅިގެން، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު، މިއަދު ދައްކައި އެ ދަރަނި އެއްކޮށް ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.

މާލީ ވުޒާރާއިން ހާމާކުރިގޮތުގައި، ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި ސަރުކާރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް އެވުޒާރާއިން ހާމަކުރެއެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ މުއްދަތަށް މިއަދު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި މުޅި ދަރަނި މިހާރު ވަނީ އެއްކޮށް ދައްކައި ނިމިފައި ކަމަށް ފިނޭންސުން ބުންޏެވެ.

"ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް އަރުވަން" ފިނޭންސްގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.

ފިނޭންސުން އިތުރަށް ބުނި ގޮތުގައި، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.