ރާއްޖެއިން ބޭރުގެ ދަރަނިތައް ގަވައިދުން ވަގުތަށް ނުދެއްކޭ ނަމަ، މޫޑީސް އަދި ފިޗުގެ ރޭޓިން ރިސްޓްރިކްޓެޑް ޑިފޯލްޓް (އާރްޑީ) އަށް ދަށްކޮށްފާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ނަޝީދު ވަނީ އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އިއްޔެ ދައްކަން ޖެހޭ ކަމަށް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެެވެ.

އެކަމާ ގުޅުވައި، ނަޝީދު އެކްސްގައިކުރެއްވި އެހެން ޕޯސްޓެއްގައި ރޭ ވިދާޅުވީ، ރާއްޖޭގެ ގިނަ ސޮވްރިން ބޮންޑުތަކުގައި ކްރޮސް ޑިފޯލްޓް ކްލޯޒްތައް ހިމެނޭއިރު، ރަސްމީ އެއް ކްރެޑިޓަރަކަށް ދައްކާން ޖެހޭ ފައިސާ ނުދެއްކިއްޖެނަމަ، ބައިނަލްއަގުވާމީ އެހެނިހެން ބޮންޑުތަކާއި ސުކޫކުތައް ގެންގުޅޭ ފަރާތްތަކުން ދަރަނި އަވަހަށް އަދާކުރުމަށް ޑިމާންޑުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އިންޑިއާގެ ޓީ-ބިލަށް ފައިސާ ނުދެއްކިއްޖެނަމަ ހަގީގަތުގައި ވާނީ ކިހިނެއްތޯ ސުވާލު އުފެދޭ. ފުރަތަމަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހާ ހަމައަށް ދާނީ ޓެކްނިކަލް ޑިފޯލްޓަކަށް. އިންޑިއާގެ ޓީ-ބިލަށް ފައިސާ ދައްކަންޖެހޭ ތާރީހަކީ މިއަދަށް ވާއިރު، ފައިސާ ނުދެއްކިއްޖެނަމަ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެއީ މުއްދަތު ހަމަވެފައިވާ ދަރަންޏެއްގެ ގޮތުގައި ކަނޑައަޅާނެ. އަދި އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރިޕޯޓުކުރަން ޖެހޭނެ". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ތިން ވަނަ ދުވަހުން ފެށިގެން 30 ދުވަހާ ހަމައަށް، އިތުރު މުހުލަތުގެ ވަގުތު ނުވަތަ ގްރޭސް ޕީރިއަޑް ފެށިގެންދާނެ ކަމަށާއި ރާއްޖޭގެ ގިނަ ބައިނަލްއަގުވާމީ ބޮންޑުތަކުގައި 14 ދުވަހާއި 30 ދުވަހާ ދެމެދުގެ ގްރޭސް ޕީރިއަޑެއް އޮންނަ ކަމަށެވެ.

"މި ހާލަތުގައި ރޭޓިން އޭޖެންސީތައް ކަމަށްވާ ފިޗް އަދި މޫޑީސް އިން ވަގުތުން ރާއްޖެ ރޭޓިން ވޮޗް ނެގެޓިވް އަށް ވައްޓާލާނެ އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ރޭޓިން އާރްޑީ ނުވަތަ ރިސްޓްރިކްޓެޑް ޑިފޯލްޓް އަށް ދަށްކުރާނެ" ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ބަޖެޓަށް އެހީވުމުގެ ގޮތުން ޓީ-ބިލް ވިއްކައިގެން އިންޑިއާއިން ހޯދި ޖުމްލަ 200 މިލިއަން ޑޮލަރުގެ ތެރެއިން ދައްކަން ބާކީ އޮތް ފަހު 50 މިލިއަން ޑޮލަރެވެ. މީގެ ކުރިން އެކި ފަހަރު މަތިން އެ ފައިސާ ދެއްކުމުގެ މުއްދަތު އިންޑިއާއިން ފަސްކޮށްދީފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިދިޔަ މެއި މަހު 50 މިލިއަން ޑޮލަރު ދައްކާފައިވެއެވެ. މި ފަހަރު 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އިންޑިއާއިން އަދި މިހާތަނަށް އެކަމަށް އެއްބަސްވެފައެއްނުވެއެވެ.

އެ ލޯނުގެ ތާރީހަށް ބަލާއިރު، 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން 50 މިލިއަން ޑޮލަރު، ޖުމްލަ 150 މިލިއަން ޑޮލަރު ނަގައި، ކުރީ ސަރުކާރުން އެ ފައިސާ ދިޔައީ ރޯލްއޯވާ ކުރަމުންނެވެ.

މި ސަރުކާރުން 2024 ވަނަ އަހަރު 50 މިލިއަން ދެއްކުމަށްފަހު، މިދިޔަ މެއި 11 ގައި އިތުރު 50 މިލިއަން ދައްކާފައިވާއިރު، އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމުގެ ސުންގަޑި މިއަދަށް ހަމަވާނެ އެވެ.