މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް މިއަދު އާއްމުކޮށްފިއެވެ.
ބަންގްލަދޭޝްގައި މިއަހަރު ނޮވެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް މިއަދު ސާފުން އާއްމުކޮށްފައިވާ އިރު، ފުރަތަމަ މެޗަކީ ނޮވެމްބަރު ފަސްވަނަ ދުވަހު އިންޑިއާއާއި ޕާކިސްތާން ވާދަކުރާ މެޗެވެ. ހުރިހާ މެޗެއްވެސް ބަންގްލަދޭޝްގެ ގައުމީ ސްޓޭޑިއަމްގައި ކުޅެން ނިންމާފައިވާ އިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ ނޮވެމްބަރު އަށްވަނަ ދުވަހުއެވެ. އެއީ ޕާކިސްތާނާ ދެކޮޅަށެވެ. އެއީ ރާއްޖެ ގަޑިން މެންދުރު ފަހު 2:30 ގައެވެ.
ރާއްޖޭގެ ދެވަނަ މެޗު، 11 ނޮވެމްބަރު މެންދުރު ފަހު ރާއްޖެ ގަޑިން 2:30 ގައި އޮންނާނީ އިންޑިއާއާ ދެކޮޅަށެވެ. ރާއްޖޭ ގްރޫޕްގައި ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނެވެ. ރާއްޖޭން މިފަހަރު މުބާރާތުގެ ގްރޫޕް ބީގައި ހިމެނިފައިވާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީވެސް ތިން ޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ ހޯސްޓް ބަންގްލަދޭޝްއާއި ބޫޓާން އަދި ސްރީ ލަންކާއެވެ.
ސާފުން ބުނެފައި ވަނީ ނޭޕާލް މިވަގުތު ސަސްޕެންޝަނުގައި އޮތް ނަމަވެސް، ފީފާގެ ސަސްޕެންޝަނަށް ހައްލު ހޯދިއްޖެނަމަ އެގައުމުން މުބާރާތުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ގުރުއަތު ނެގިއިރުވެސް ނޭޕާލަށް އެ ފުރުސަތު ދީފައިވާ އިރު، ޝެޑިއުލް އާއްމުކުރަމުން ސާފުން ބުނެފައި ވަނީ މުބާރާތުގެ ކުރިއަށް ނޭޕާލަށް ވާދަކުރެވޭ ގޮތް ވެއްޖެނަމަ، ނޮވެމްބަރު ހަތަރު ވަނަ ދުވަހުވެސް ޝެޑިއުލް ރިވައިސް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިއަހަރު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ދެމެޗު، 14 ނޮވެމްބަރުގައި އޮންނަ އިރު، ފައިނަލް އޮންނާނީ 17 ވަނަ ދުވަހުގެ ރޭގައެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތާއި އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މުބާރާތެވެ.
ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި 2023 ވަނަ އަހަރު ކުޅުނު ފައިނަލް މެޗުގައި ކުވައިތު ބަލިކޮށް އިންޑިއާއިން ތަށި އުފުލާލީ ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ. އެ މުބާރާތަކީ ސަރަހައްދުން ބޭރުން ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ދެ ގައުމުގެ ބައިވެރިވުމާއެކު 2023 ގެ މުބާރާތް ވެގެންދިޔައީ ސާފްގެ ތާރީހުގައިވެސް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ.
އެ މުބާރާތުން ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓި އިރު، އެއީ މުބާރާތުގެ ތާރީހުގައިވެސް ރާއްޖޭން ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.
ރާއްޖޭން މީގެ ކުރިން 2008 އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ އިރު، ރާއްޖެއަށް މިފަހަރު ގްރޫޕް ސްޓޭޖު ޗެލެންޖިންވާނެއެވެ. އެއީ ޕާކިސްތާނަކީ ރާއްޖޭގައި ދާދިފަހުން ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަނަށްވެސް ވުމާއެކުގައެވެ.

ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް