ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ މެރިޓައިމް ޑިފެންސް ކޯލިޝަނަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް ކަމަށްވާ ބާބިލް މަންދެބް ކަނޑުއޮޅި، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަހައްދު ރައްކާތެރިކޮށް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ފްރީޑަމް އޮފް ނެވިގޭޝަން ކަށަވަރުކޮށްދިނުމުގެ އިތުރުން އިންޓަނޭޝަނަލް ޓްރޭޑް ރޫޓުތަކުގެ ސެކިއުރިޓީ ގާއިމުކޮށް، ހުރިހާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމުގެ މަގުސަދުގައި ސައުދީން އުފެއްދި ކޯލިޝަނެއް ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ.ގެ މުއާހަދާތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުފެއްދި އެ ކޯލިޝަނުގައި ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގާތްގުޅުންތައް ބާއްވާ ގިނަ ގައުމުތަކަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖެއާއި ސައުދީގެ ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެކަމަށް އެމްއެންޑީއެފުން ބުންޏެވެ.