ލަކުޑި ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް ދިޔަވާން ފެށުމުން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން މިއަދު ބުނީ، އެ ދޯންޏަކީ މާލޭއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކަމަށެވެ.

ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނި ދިޔަވާން ފެށީ އެ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލުމުގެ ސަބަބުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 09:57 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

ދޯނި ސަލާމަތްކުރުމަށްޓަކައި އެ ދޯނީގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

ދޯނީގައި ތިބީ ހަތަރު މީހުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.

ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.