ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި މުދައްރިސަކު، ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ. އޭނާ އެކްސިޑެންޓްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރުއަނގޮޅީގައި، ހާއްސަ އެހީއަށް ބޭނުންވާ އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ވަޒީފާގެ ކަންކަމުގައި ދަތުރުކުރަނިކޮށެވެ.
މި އެކްސިޑެންޓުގައި އޭނާގެ ދަރިފުޅަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އެކްސިޑެންޓާ ގުޅިގެން އަނިޔާވި ދެބަފައިންނަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް، ބައްޕަގެ ސިކުނޑިއަށް ލޭއެޅި ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް ސިކުނޑީގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރުދާއިރާގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެފައިވާ ގޮތުގައި، އެ މީހަކީ ކުރިން ވެސް ޑައިލެސިސް ހަދަމުންދިޔަ މީހެއް ކަމުންނާއި ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން، އޮޕަރޭޝަނަށްފަހުވެސް އޭނާގެ ހާލު އޮތީ ނާޒުކު ފައްތަރެއްގައެވެ.
އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.
ނިޔާވި 62 އަހަރުގެ މީހަކީ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުދައްރިސެކެވެ. އެގޮތުން އޭނާ ވަނީ އެމްއީއެސް އާއި އީޕީއެސްގެ އިތުރުން، އަމީނިއްޔާ، އާޒީ އަދި އަލިއްޔާ ސްކޫލުގައި ދިވެހި މާއްދާ ކިޔަވައިދެއްވާފައެވެ. އަދި ދުނިޔެ ދޫކުރުމާ ހަމައަށް ވެސް އޭނާ އައީ ގޭގައި ކުދިންނަށް ޓިއުޝަން ނަގައިދެމުންނެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
ކޮމެންޓް